31 Jul 2014, 17:06
ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު މުބާރާތުގައި ރާއްޖެއިން ވާދަކުރި ބެޑްމިންޓަނުގެ ހުރިހާ އިވެންޓަކުން ކަޓައި، ބެޑްމިންޓަން ޓީމު އެނބުރި ރާއްޖެ އަންނަން ޖެހިއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު ފިރިހެނުންގެ ޑަބަލްސް އިވެންޓުގެ ދެވަނަ ބުރުގައި ރާއްޖޭގެ މުހައްމަދު އަޖުފާނު ރަޝީދާއި ނަޝީއު ޝަރަފުއްދީނުގެ ޕެއާ ބަލިވީ އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ މާޓިން ކޭމްޕްބެލް އާއި ޕެޓްރިކް މެކޫގް އަތުންނެވެ.
އެ އިވެންޓުން ރާއްޖޭގެ ބްޑިމިންޓަން ފިރިހެން ޑަބަލްސް ޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓުން 21-11 ޕޮއިންޓުން ރާއްޖޭގެ ޓީމު ބަލިވި އިރު، ދެވަނަ ސެޓުން ބަލިވީ 21-7 ޕޮއިންޓުންނެވެ.
ބެޑްމިންޓަނުގެ މިކްސް ޑަބަލްސް އިވެންޓްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ހުސައިން ޒަކީ އާއި މައިސާ ފަތުހުﷲ އިސްމާއީލް ޕެއާ ބަލިވެ، އެ އިވެންޓުން ވެސް ވަނީ ކަޓައިފަ އެވެ. މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ބެޑްމިންޓަން މިކްސް ޑަބަލްސް ޓީމު ސީދާ ދެ ސެޓުން ބަލިވީ ނޮދާން އަޔަލެންޑްގެ ދެބެއިން، ކިއަރަން ޗެމްބާސް އާއި ސިނީޑް ޗެމްބާސްއާ ވާދަކޮށް 21-7، 21-8 ޕޮއިންޓުންނެވެ.
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވާދަކުރި ސިންގަލްސް އިވެންޓުތަކުން ވެސް ވަނީ ކަޓައިފަ އެވެ. އެހެންކަމުން މި މުބާރާތުގައި ރާއްޖޭގެ ބެޑްމިންޓަން ޓީމު ވާދަކުރި ހުރިހާ އިވެންޓަކުން ބަލިވެ، އެ ޓީމު ވަނީ އެނބުރި ރާއްޖެ އަންނަން ޖެހިފަ އެވެ.