31 Jul 2014, 14:31
ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސްގެ 200 މީޓަރު އިވެންޓުން ވާދަކުރި ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި ހުސައިން އިނާޝްއަށް ދެވަނަ ބުރަށް ކޮލިފައިނުވެ، ކަޓައިފި އެވެ.
އިއްޔެގެ 200 މީޓަރުގެ ހީޓް ހައެއްގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދަށް ރޭސް ނިންމާލެވުނީ ހަތަރު ވަނައިގައި އޮވެ އެވެ. މި ހީޓުން ކޮލިފައިވީ އެއްވަނައިގައި ނިންމާލި ކެނެޑާގެ ގެވިން ސްމެލީ އާއި ދެވަނައިގައި އޮވެ ރޭސް ނިންމާލި ސައުތު އެފްރިކާގެ ވޭޑް ވޭން ނިއެކާކް އެވެ.
ހީޓް ހައެއްގައި ވާދަކުރި ސާއިދުއަށް ރޭސް ނިންމާލެވުނީ 21.38 ސިކުންތުންނެވެ. މިއީ އޭނާ މެއި މަހު ޖެމެއިކާގައި 200 މީޓަރުގެ އިވެންޓުން ހެދި ގައުމީ ރެކޯޑަށް ވުރެ 00.02 ސިކުންތު ލަސް ވަގުތެކެވެ. ސާއިދު މި އިވެންޓުން ގައުމީ ރެކޯޑު ހަދާފައިވަނީ 21:36 ސިކުންތުންނެވެ.
ކޮމަންވެލްތު ގޭމްސްގެ 200 މީޓަރުގެ ހީޓް ހަތެއްގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ އިނާޝްއަށް ރޭސް ނިންމުނީ ހަތްވަނައިގައި އޮވެ އެވެ. މި ހީޓްގައި ވާދަކުރި އަށް ދުވުންތެރިންގެ ތެރެއިން އެއް ދުވުންތެރިއަކު ވަނީ ޑިސްކޮލިފައި ވެފަ އެވެ.
ހީޓް ހަތެއްގައި ވާދަކުރި އިނާޝްއަށް ދުވުން ނިންމާލެވުނީ 22.78 ސިކުންތުންނެވެ. އިނާޝް ބައިނަލްއަގުވާމީ މުބާރާތެއްގައި އެންމެ ފަހުން 200 މީޓަރު އިވެންޓެއްގައި ވާދަކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ދިއްލީ ކޮމަންވެލްތް ގޭމްސްގައެވެ. އެފަހަރު އިނާޝް ރޭސް ނިންމާލީ 23.06 ސިކުންތުންނެވެ.
އިނާޝް ވާދަކުރި މި ހީޓުން ދެވަނަ ބުރަށް ކޮލިފައިވީ އެއްވަނައިގައި ނިންމާލި ޖެމެއިކާގެ ޖޭކް ލިވާމޯ އާއި އިނގިރޭސިވިލާތުގެ ޖޭމްސް އެލިންގްޓަން އެވެ.