ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ދަށުން މިހާތަނަށް 30 މީހަކަށް 466،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް [އެމްޕީއޭ] އިން ބުނެފި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ އޮފީހުގެ ސީއީއޯ މުހައްމަދު ހުސެން މަނިކު ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ޕެންޝަން ސްކީމުން ފައިސާ ލިބުމުގެ ޝަރުތު ހަމަވާ 65 މީހަކު އެބަތިބި ކަމަށެވެ. ނަވެސް އޭގެ ތެރެއިން ޕެންޝަން ނަގާފައި ވަނީ 30 މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއް 35 މީހުންނަށް ޕެންޝަން ދޫނުކުރެވި ވަނީ އެމީހުން އެ އޮފީހަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފޯމު ހުށަހެޅީމާ އަނެއް ތިރީސް ފަސް ފަރާތަށް[ފައިސާ] ދޫކުރެވެން އޮންނާނީ. އަޅުގަނޑުމެން ފައިސާ ދެނީ ނަގުދު ފައިސާގެ ގޮތުގައި އަތުން އަތަކަށް ނޫން. ބޭންކް އެކައުންޓަށް އަޅުގަނޑުމެން ޖަމާކުރަނީ. އެހެންވީމާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓު ނަމްބަރު ލިބެން އެބަ ޖެހޭ. އަދި އެއީ އެ ބޭފުޅެއްގެ ބޭންކް އެކައުންޓްތޯ ޔަގީން ވެސް ކުރަން އެބަޖެހޭ،" ޕެންޝަން އޮފީހުގެ ސީއީއޯ ވިދާޅުވި އެވެ.
ރިޓަޔަމަންޓް ޕެންޝަނަކީ ސަރުކާރު ވަޒީފާއެއްގައި އުޅެނިކޮށް އުމުރުން 65 އަހަރު ވުމުން ވަޒީފާ އިން މުސްކުޅި ކުރުމުގެ ގޮތުން ދެވޭ ޕެންޝަނެކެވެ.
ދައުލަތުގެ މުވައްޒަފުންނަށް ދޭ އެކްރޫޑް ޕެންޝަންގެ ހުރިހާ ފޯމެއް މިހާރު އެ އެމީސް މީހުންނަށް ހަވާލުކުރުމަށް ޕޯސްޓް ކުރެވިފައިވާނޭ ކަމަށާއި އެކްރޫޑް ޕެންޝަން ފޯމުތައް ފުރުމަށް ފަހު ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޕެންޝަން އޮފީހަށް ފޮނުވައި ދިނުމަށް ވެސް މަނިކު އެދިވަޑައިގަތެވެ.
"ފޯމުތައް ފުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ބޭފުޅެއްގެ މައުލޫމާތު ސައްހަތޯ ބެލުން. ފެބުރުއަރީ 15 ވަނަ ދުވަހުގެ ފަހުން އަޅުގަނޑުމެން ބަލާނީ އަޅުގަނޑުމެންގެ އަތުގައި ހުރި މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމަށް." ސީއީއޯ މަނިކު ވިދާޅުވި އެވެ.
ދެހާސް ނުވަނަ އަހަރު މެއި، 13ގައި ވަޒީފާގައި ތިބި އަދި އެ ތާރީޚަށް އުމުރުން 65 އަހަރު ފުރިފައިނުވާ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް އެކްރޫޑު ޕެންޝަން ހައްގުވެ އެވެ.

ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތް ކޮށްފައިވުމުން ލިބޭ ޕެންޝަން، އުމުރުން 65 އަހަރު ވަންދެން ލިބެމުން ދިއުމަށް ނުވަތަ އެ ޕެންޝަން ދޫކޮށްލައި ހިދުމަތްކޮށްފައިވާ ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން ނެގުމުގެ އިހްތިޔާރު ކޮންމެ މުވައްޒަފަކަށް ވެސް ލިގެންވެ އެވެ.
ޕީއޭއޭ އިން ބުނި ގޮތުގައި އެކްރޫޑް ޕެންޝަން ހައްގުވާ 34000 އަށް ވުރެ ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިއްބެވެ.