އިންޑިއާގެ ކެރަލާ ސްޓޭޓްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމުގައިވާ ބެނީ ޑަޔަލް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

އިންޑިއާގެ "އެސްފައިވް މިއުޒިކް" ޗެނަލް އިން އުފައްދާފައިވާ "އެސްފައިވް" ބޭންޑްގެ ލަވަކިޔުންތެރިޔާ ރާއްޖެ އައިސްފައި ވަނީ މާދަމާ އޮލިމްޕަހުގައި ބާއްވާ ޚާއްސަ ޝޯއެއްގައި ލަވަ ހުށަހަޅައި ދިނުމަށްޓަކަ އެވެ. އެ ޝޯ ކުރިއަށް ގެންދަނީ ސައުންޑް އެންޑް ލައިޓްސް އާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް ގެ އިތުރުން ޔޫތު މިނިސްޓްރީ ގުޅިގެންނެވެ.

އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުގައި މީޑިއާތަކަށް މައުލޫމާތު ދެމުން ބެނީ ޑަޔަލް ބުނީ މިފަހަރުގެ ޝޯގައި ހުށަހަޅައި ދޭނީ މުޅިންވެސް އޭނާގެ އަމިއްލަ ލަވަތައް ކަމަށާއި ހުށަހަޅައިދޭ ބައެއް ލަވަތަކަކީ އިންޑިއާގެ މަޝްހޫރު ފިލްމުތަކުން ވެސް ވިދާލައި، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކެއް ކަމަށެވެ.

"ވަރަށް ފަހުރުވެރިވޭ ރާއްޖެއިން މިފަދަ ޝޯއެއް ހުށަހަޅައިދޭން ދައުވަތު އެރުވީތީ. ޝޯގަ ހުށަހަޅައިދޭނީ މުޅިންވެސް އަހަރެންގެ އަމިއްލަ ލަވަތައް. އެއިން ބައެއް ލަވަތަކަކީ ވަރަށް މަގުބޫލު ލަވަތަކެއް. ހުރިހާ ލަވައެއް ހުށަހަޅާނީ ލައިވްކޮށް. މީގެ ހަތަރު އަހަރުކުރިން ވެސް އަހަރެން ރާއްޖޭގައި ހުށަހަޅައިދިން ޝޯގައި އޯޑިއަންސްގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އުންމީދު ކުރަނީ މިފަހަރު ވެސް އެފަދަ ސަޕޯޓެއް ލިބިގެން ދާނެ ކަމަށް،" ބެނީ ބުންޏެވެ.

ބެނީ ވަނީ އިންޑިއާގެ މަޝްހޫރު ފިލްމުތަކުގައި އޭނާގެ ލަވަތައް ގެނެސްދީފަ އެވެ. އެގޮތުން ފިލްމް "ރޭސް2" އާއި "ޔޭ ޖަވާނީހޭ ދިވާނީ" އާއި "މެއިން ތެރަ ހީރޯ" ގެ އިތުރުން ފިލްމް "ގަޖިނީ" ފަދަ މަގުބޫލު ފިލްމުތަކަށް ލަވަތައް ކިޔައިދީފަ އެވެ. އަދި އެއިން ބައެއް ލަވަތަކަށް ވަނީ ބޮޑެތި އެވޯޑުތައް ވެސް ލިބިފަ އެވެ.

ބެނީގެ އެ ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މާދަމާ ރޭ އޮލިމްޕަސްގައި ކަމަށް ޝޯ އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ. ޝޯގެ ޓިކެޓް ލިބެން ހުންނާނީ އޯކިޑުމަގުގައި ހުންނަ ސައުންޑް އެންޑް ލައިޓްސްގެ އޮފީހުން ކަމަށާއި ޓިކެޓްގެ އަގަކީ 200 ރުފިޔާ އާއި 500 ރުފިޔާ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.