13 Jan 2011, 15:00
ސާކުގެ ގައުމުތަކާ ގުޅިގެން ރާއްޖެ އާއި ސަރަހައްދީ ގައުމުތަކާ ދެމެދު ކަނޑު ދަތުރުފަތުރުން ގުޅާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.
ޕްރޮވިންސްތަކުގެ ދަތުރުފަތުގެ ނިޒާމާ ގުޅޭ ގޮތުން ޓްރާސްޕޯޓް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދިލް ސަލީމް މިއަދު ވިދާޅުވީ ދިވެހި ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު ކަނޑުދަތުރު ދަތުރުފަތުގެ ނިޒާމަކުން ގުޅާލުމަށް ސާކާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެ ގޮތުން އިންޑި އާއި ސިރީލަންކާއާ ދެމެދު ދަތުރުފަތުރުން ގުޅާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އާދިލް ސަލީމް ވިދާޅުވި އެވެ.
ނަމަވެސް އެ ގައުމުތަކާ ދެމެދު ދަތުރުފަތުރުން ގުޅާލާނެ ދުވަހެއް އާދިލް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފެރީ ދަތުރު ކޮށްފައިވާ އިރު، 40،000 ވުރެ ގިނަ ބަހުގެ ދަތުރު ރާއްޖޭގެ އެކި ޕްރޮވިންސްތަކުގައި ކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް މަނިކު ވިދާޅުވީ ކަނޑުތަރުފަތުރު ކުރާ ފެރީތަކުގެ ހިދުމަތްތައް ރަގަނޅުކޮށް، ޒަމާނީ ފެންވަރުގެ ފެރީތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ތ. އަތޮޅުގައި ޒަމާނީ ފެންވަރުގެ ހަތް ފެރީ ތައްޔާރު ކުރަމުންދާ އިރު، ލ. އަތޮޅާއި މ. އަތޮޅުގައި ވެސް ފެރީތަކެއް ތައްޔާރު ކުރަމުންދާ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.