އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ނިކަމެތިވެ ހާލުގައި ޖެހެމުންދާ ރައްޔިތުންނަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިޓަލީން ނިންމަވައިފި އެވެ.

އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް އިން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިޓަލީގެ ފޮރިން މިނިސްޓަރު ފެޑެރީކާ މޯފެރެނީ އެގައުމުގެ ތިރި ގޭގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާ އެގޮތަށް އެދިވަޑައިގަތީ ޣައްޒާގެ ރައްޔިތުންނަށް އެހީ ބޭނުންވާ ކަމަށް ފަލަސްތީނުގައި ހަރަކާތްތެރިވާ ބައިނަލް އަގުވާމީ ޖަމްއިއްޔާ ތަކުން އެދެމުންދާތީ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ ރިލީފް އެންޑް ވޯކް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް ފަސް މިލިއަން ޑޮލަރުގެ އެހީއަކާއި ސީރިއާ އަދި ލެބަނަންގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް 2.5 މިލިއަން ޑޮލަރުގެ އެހީއެއް ވެދިނުމަށްވެސް ފޮރިން މިނިސްޓަރު މޯފެރެނީ ވަނީ ނިންމަވާފައެވެ.

"ހަމަލާތައް މެދުކަނޑާލުމަަކުން އަދި މައްސަލައެއް ހައްލެއް ނާންނާނެ. އެކަމަކު ހަމަލާތަން ހުއްޓާލާއި ހަތިޔާރުތައް އެއްކައިރިކުރުމަކީ މަޝްވަރާކުރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު. އެހެންވެގެން އަހަރެމެން އެންމެ މި މަސައްކަތްކުރަނީ،" މޯފެރެނީ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިޓަލީން ނިންމާފައިވާއިރު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 1300 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު 7300 އަށް ވުރެ މައްޗަށް އަރައިފައިވެއެވެ.