އިސްރާއީލު ސިފައިން މިއަދު ޣައްޒާއަށް ދިން ލާއިންސާނީ ހަމަލާތަކުގައި މިސްކިތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ޣައްޒާގެ އުތުރުގައި ހުރި ރެފިއުޖީ ކޭންޕަކަށް އަމާޒުކޮށް މިއަދު ހެނދުނު ދިން ހަމަލާތަކުގައި އެ ސަރަހައްދުގައި ހުރި މަސްޖިދުލް އައްސޫސައި ނަމަކަށް ކިޔާ މިސްކިތަށް ޔަހޫދީ ސިފައިން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާގެ ސަބަބުން މިސްކިތުގެ މުންނާރު ބިންދައިގެން ގޮސް ކައިރީގައި ހުރި ގެއެއްގެ މައްޗަށް ވެއްޓި އެގޭގެ ބޮޑުބައެއް ސުންނާފަތިވެފައި ވާއިރު، މިސްކިތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މަސްޖިދުން އައްސޫސައި ނަމަކަށް ކިޔާ މިސްކިތުގެ މުންނާރު ގެއެއްގެ މައްޗަށް ވެއްޓިފައި ----- ފޮޓޯ: އޭޕީ

ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކަށް ހަމަލާދީ އެތަންތަން ސުންނާފަތިކޮށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.

އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ގެންދަނީ އެ ސިޓީގައި ހުންނަ ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސްކޫލްތަކުގަ އެވެ. އިސްރާއީލު ސިފައިން ދަނީ އެބައިމީހުންގެ އިންސާނިއްޔަތުކަމެއް ނެތް ރަހުމުކުޑަ ހަމަލާތައް އެފަދަ ތަންތަނަށް ވެސް އަމާޒުކުރަމުންނެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި މަސްޖިދުން އައްސޫސައި ނަމަކަށް ކިޔާ މިސްކިތުގެ މުންނާރު ގެއެއްގެ މައްޗަށް ވެއްޓިފައި ----- ފޮޓޯ: އޭޕީ

ޣައްޒާގައި ހުރި ޔޫއެންގެ ސްކޫލްތަކަށް މިއަދު އެކަނިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި 30 އަށް ވުރެ ގިނަ މީހުން ވަނި ޝަހީދުކޮށްލާފަ އެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި މަސްޖިދުން އައްސޫސައި ނަމަކަށް ކިޔާ މިސްކިތުގެ މުންނާރު ގެއެއްގެ މައްޗަށް ވެއްޓިފައި ----- ފޮޓޯ: އޭޕީ