މީޑިއަށް މައުލޫމާތު ދިނުމަށް ވަޑައިގަންނަވާ ބޭފުޅުން ނުތަނަވަސްވާ ގޮތަށް ހަބަރުފަތުރާ އިދާރާތަކުގެ ކައިރީގައި މުޒާހަރާ ކުރުމުން މީޑިއަމްތަކުން "ކޮންޓްރާވަސަލް" އިޝޫތަކުގައި ވާހަކަ ދެއްކުމަށް ފަސްޖެހިދާނެތީވެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އައްޑޫއަށް ސިޓީ ކައުންސިލްގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ވީޓީވީ ކައިރިއަށް އެމްޑީޕީން ބަޔަކު އެއްވެ ކުރި މުޒާހަރާއަށް އިޝާރަތްކޮށް އެމްޖޭއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ މުޒާހަރާތަކުގެ ސަބަބުން މީޑިއާ އަށް މަޢުލޫމާތު ދެއްވަން ވަޑައިގަންނަވާ ބޭފުޅުން ބިރުގަނެ ފަސްޖެހިދާނެ ކަމަށެވެ. އަދި މީޑިއަމްތަކުން "ކޮންޓްރާވަސަލް" އިޝޫތަކުގައި ވާހަކަ ދެއްކުމަށް ފަސްޖެހި، މީޑިއާ ވެސް ފަހަތަށް ޖެހިދާނެ ކަމަކަށް ވެދާނެތީ އެމްޖޭއިން ކަންބޮޑުވާ ކަމަށެވެ.
..."ސިޔާސީ ސަބަބުތަކާ ގުޅުވައި ސިޔާސީ ފަރާތްތަކުން އިސްކޮށް ތިބެ، އެ އަޞްލު ގެއްލޭ ގޮތަށް ޚަބަރު ފަތުރާ އިދާރާތަކުގެ ދޮށުގައި މުޒާހަރާކޮށް، ޚަބަރުފަތުރާ އިދާރާތަކަށް މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ފަރާތްޕުޅުތަކަށް ހުރަސް އަޅައި ބިރުދެއްކުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ގޮވައިލާ." ކަމަށް އެ ނޫސްބަޔާނުގައި ބުނެ އެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނަނީ އެއްވެ އުޅުމަކީ ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އެއްވުމުގެ ހައްގު ބޭނުން ކުރާއިރު މީޑިއާގެ މިނިވަންކަމުގެ އަސްލު ނުގެއްލޭ ގޮތަށް، އަދި މީޑިއާ އަށް މައުލޫމާތު ދެއްވާ ފަރާތްޕުޅުތަކަށް ހުރަސް އަޅައި ބިރުނުދެއްކުމަށް އެ ޖަމިއްޔާއިން ގޮވާލާ ކަމަށެވެ.
މީޑިއަމްތަކަށް މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން ފުލުހުންގެ ހިމާޔަތުގައި ނުވަތަ "ޕޮލިސް އެސްކޯޓްކޮށްގެން" ގެންދަން ޖެހުމަކީ މީޑިއާގެ މިނިވަން ކަމަށް ހުރަސްތަކެއް ހުރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
އަދި ކުރިންސުރެ ފެށިފައިވާ އެއާދަ ފަހަކަށް އައިސް އޭގެ ހައްދުން ނެއްޓި ސިލްސިލާ ގޮތެއްގައި އެކަން ކުރިއަށްދާ ތަން ފެނުމަކީ މީޑިއާގެ މިނިވަންކަން- ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތުގައި- ކުރިއަށް ގެންދިއުމަށް އޮތް ހުރަހަކަށް ވެދާނެތީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.