30 Jul 2014, 16:02
ދިރާގުން ފޯރުކޮށްދޭ މޮބައިލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޕްގްރޭޑިން މަސައްކަތްތަކެއް ކުރިއަށްދާތީ، އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން ފޯރުކޮށް ދޭ މޮބައިލް ޚިދުމަތްތައް ރަނގަޅު ކުރުމަށާއި 4ޖީގެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ ތަންފީޒީ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށްދާ ވަގުތު މޮބައިލް ޚިދުމަތްތަކަށް ހީނަރުކަން އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ މިރޭ 8:00 އިން ފެށިގެން މާދަމާ ހެނދުނު 6:30އާ ހަމައަށް އަޕްގްރޭޑިން މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އެ ވަގުތުތަކުގައި އައު މޮބައިލް ފޯނު ސިމްކާޑު ދޫކުރުމާއި އެފަދަ ސިމްކާޑު އެކްޓިވޭޓް ކުރުމުގައި މައްސަލަތަކެއް ދިމާވެދާނެ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ އިތުރުން މަސައްކަތް ކުރިއަށްދާ އިރު މިރޭ ފަތިހު 3:00 އިން ފެށިގެން 4:00އާ ދެމެދު ފޯނު ކޯލު ކުރުމާއި ފޯނު ލިބުމުގެ އިތުރުން އެސްއެމްއެސް ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މޯބައިލް ޑޭޓާ ގެ ޚިދުމަތުގެ އިތުރުން #123* ގެ ޚިދުމަތް މުޅިން މެދުކެނޑިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެއްގަޑި އިރުގެ އެވަގުތުގައި *141* މެދުވެރިކޮށް ރިޗާޖް ކުރުމާއި #142* ބޭނުންކޮށްގެން އެކައުންޓް ބެލެންސް ބެލުމާއި ކޯލްބެކް ފޮނުވުމާއި އަދި ރީލޯޑާ ގުޅޭ ހުރިހާ ޚިދުމަތެއް ވެސް މެދުކެނޑިގެންދާނެ ކަމަށެވެ.
ދިރާގުން ބުނީ މަސައްކަތުގެ ތަންފީޒީ މަރުހަލާގައި ކުރިމަތުވެދާނެ ބައެއް ނެޓްވޯކް މައްސަލަތައް ވީއެންމެ ބޮޑަށް ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށްދާއިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކާއި ޚިދުމަތްތަކަށް އަންނަ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު އެންމެހައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ދާނެކަމުގެ ޔަގީންކަން ދިރާގުން ވަނީ ދީފަ އެވެ.