ހެލްތު މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާ އަށް ރުހުން ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ދެކޮޅުހަދައިފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ޑރ. ޝަކީލާ އަށް ރުހުން ދިނުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ދެކޮޅު ހަދަމުން އަންނަ ކަމަށާއި ނަމަވެސް އެކަމުގައި ޕާޓީން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޝަކީލާ އަށް ރުހުން ދިނުމާ ގުޅޭގޮތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނިންމާނީ އެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ޝަކީލާއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމަށް ފަހު އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ކޮމެޓީން ފާސްކޮށްފައި ވަނީ ޝަކީލާއަށް ރުހުން ދިނުމަށެވެ. އެގޮތަށް ފާސްވީ އެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ވޯޓާއެކު އެވެ.