އިސްރާއީލް މީހުން ރާއްޖެ އައުން މަނާކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ތަރުޖަމާންކަން ވެސް ކުރައްވަމުން ގެންދަވާ މަހުލޫފް "ސަން"އަށް މިއަދު ވިދާޅުވީ އިސްރާއީލް އަށް ނިސްބަތްވާ މީހުން ނުވަތަ އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ ހުރިހާ މީހުން ރާއްޖެ އެތެރެވުން ދިވެހި ސަރުކާރުން މަނާކުރަން ޖެހޭނެ ކަމަށެވެ.

"އިސްރާއީލް މީހުން ނުވަތަ އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން ސަރުކާރުން އެބަ މަނާކުރަން ޖެހޭ. އެއީ އަޅުގަނޑުމެން މިހާރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ސަބަބަކީ އަޅުގަނޑުމެން ފަލަސްތީނަށް ތާއިދު ކުރުމުގެ ގޮތުން އަދި އަޅުގަނޑުމެން މިތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ސާބިތުކޮށް ދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްރާއީލް މީހުން ރާއްޖެ އަުއުން މަނާ ކުރުމަކީ އިސްރާއީލުން ފަލސްތީނުގެ ގާޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާ ތަކާއި ދެކޮޅަށް އެޅިގެންދާނެ އިތުރު ފިޔަވަޅެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ އިސްރާއީލް މީހުން ރާއްޖެ އައުމުގެ ސަބަބުން ރާއްޖޭގެ "އަމަން" ގެއްލިގެން ހިނގައިދާނެ ކަމަށާއި އެ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށެވެ. އަދި އިސްރާއީލް މީހުން ރާއްޖެ އައުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ނޭދެވޭ އަސަރު ކުރުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކޮށް، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް އެކުވެރި ދައުލަތް (އދ)ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން ވޯޓުދީފައި ވާތީ އެކަމަށް މަހުލޫފު ތައުރީފު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިސްރާއީލް މީހުން ރާއްޖެ އައުން ސަރުކާރުން މަނާކުރަން ޖެހޭނީ ވަކި މުއްދަތަކަށް ނޫން ކަމަށާއި އެ މީހުން ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި އިސްރާއީލްގެ މީހުން އުޅޭނަމަ އެ މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިސްރާއީލް ޓޫރިސްޓުން ފޮނުވާލުމަށް ގޮވާލައި ހޯމަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި ދަނީ މުޒަހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލަމުންދަނީ އިސްރާއީލު ޓޫރިސްޓުންނަށް ރާއްޖެއިން މަރުހަބާ ކިޔައިގެން ނުވާނެ ކަމަށާއި އެ މީހުން ރާއްޖެ އައުން ހުއްޓުވަންޖެހޭ ކަމަށެވެ.