13 Jan 2011, 13:54
ޤަރުނުގެ ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ސަން އެފްއެމުން ނެރެމުން އަންނަ "ވާ ހަނދާނަކުން" ސިލްސިލާގެ ދެވަނަ އަލްބަމްގެ ޑީވީޑީ އިފްތިތާހު ކުރުމަށް ޚާއްސަ ހަފްލާއެއް ރޭ ބާއްވައިފި އެވެ.
ނޮވެމްބަރު 8، 2010 ގައި ބާޒާރަށް ނެރުނު އޯޑިއޯ އަލްބަމް "ވާ ހަނދާނަކުން 2" އަށް ލަވަކިޔައިދީފައިވާ ލަވަކިޔުންތެރިންގެ ހުށަހެޅުންތަކާއެކު ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސަން އެފްއެމްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އެވެ.
ވާ ހަނދާނަކުން ޓީމުގެ ފަރާތުން ފަރެސް މުހައްމަދު އާމިރު މިއަދު ވިދާޅުވީ، އެ ހަފްލާއަކީ ވާހަނދާނަކުން 2 ގެ ޑީވީޑީ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާއެއް ކަމަށެވެ. އަދި ވަރަށް އަވަހަށް ޑީވީޑީ ބާޒާރަށް ނެރޭނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
"ހަފްތާއެއް ތެރޭގައި ޑީވީޑީ ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ،" ވާހަނދާނަކުންގެ ތީމް ލަވަ "ވާހަނދާނަކުން ރޮވެނީ" ހައްދަވައިދެއްވާފައިވާ މަޝްހޫރު ޅެންވެރިޔާ ފަރެސް އާމިރު ވިދާޅުވި އެވެ.
ވާ ހަނދާނަކުން އަކީ ނައިފަރު ދޮހޮއްކޮގެ ހަނދާންތައް ދިރުވައި އާލާ ކުރުމުގެ ގޮތުން ސަންއެފްއެމުން ނެރޭ ލަވަ ސީޑީ އެކެވެ. މި ސީޑީގައި ހިމެނެނީ ދޮހޮއްކޮބޭގެ އެންމެ މަޝްހޫރު ލަވަތަކުން ހޮވާލާފައިވާ ލަވަތަކެކެވެ. އެ ލަވަތައް ވާ ހަނދާނަކުން އަލްބަމުގައި ހިމަނާފައި ވަނީ އޭގެ ޅެމަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރުގެ ލަވަކިޔުންތެރިންގެ އަޑުންނެވެ.
ވާ ހަނދާނަކުން 2 ގައި ހިމެނޭ ލަވަ ތަކުގެ ތެރޭގައި، މުޚުތާރުގެ އަޑުން "ނަނާ ހުވަފެން ދުށީމޭ"، ތޭރަވާގެ އަޑުން "ލިލީ އޮފް ދަ ދިވެލީ"، މުސްތޮގެ އަޑުން "ފިނިފެން މަލުގެ އެ ތަންމަތީ"، ރާފިޔަތު ރަމީޒާގެ އަޑުން، "މުނިފޫހި ތިބާ"، އައްމަޑޭގެ އަޑުން "ހިތުގެ ޤަދަރެއް ނުވާ ލޯބި"، ކުޑަ އިއްބެ އަޑުން، "ދިއްލާލި ހަނދުން"، މާއިން ރަޝީދުގެ އަޑުން "ނުދާށޭ ވަކި ވެގެން"، ޝައުފާގެ އަޑުން "ގިރިޓީ ލޯބިން" އަދި ޖަލާލުގެ އަޑުން "ބައިވެރިޔާ ކުރަމޭ ހަނދާން" ހިމެނެ އެވެ. މީގެ އިތުރުން ވާ ހަނދާނަކުންގެ ތީމް ލަވަ ކަމަށްވާ "ވާ ހަނދާނަކުން ރޮވެނީ"ގެ ގުރޫޕް ލަވަ މި ފަހަރުގެ އަލްބަމުގައި ވެސް ހިމަނާފައިވެ އެވެ.
ތީމް ލަވައިގައި ދެ އަލްބަމަށް ލަވަ ކިޔައިފައިވާ ހުރިހާ ލަވަކިޔުންތެރިންގެ އަޑު ވަނީ ހިމަނާފަ އެވެ.
ވާހަނދާނަކުންގެ ފުރަތަމަ އަލްބަމް ސަންއެފްއެމް އިން ނެރުނީ 2009 ވަނަ އަހަރު އެވެ. އެ އަލްބަމަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިގެންދިޔަ އެވެ.