އެފްރިކާގައި ފެތުރެމުންދާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ އެބޯލާ ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި ސިއެރަލިއޯންގައި އެންމެ އިސްކޮށް އުޅުއްވި ޑޮކްޓަރު އެރޯގާގައި އަވަހާރަވެއްޖެއެވެ.

އަލްޖަޒީރާ ބުނީ ޝެއިޚު އުމަރު ޚާން އަށް ރޯގާ ޖެހުނީ މިމަހުގެ ކުރީކޮޅުގައި ކަމަށާއި އޭނާ އަވަހާރަވީ އިއްޔެ ކަމަށެވެ.
ޚާން އަވަހާރަވުމުން ސިއެރަލިއޯންގެ ހެލްތު މިނިސްޓަރު ވަނީ މިއާޓާ ކަރްގްބޯ ވަނީ އޭނާއަށް ތައުރީފު ކުރައްވާފައެވެ. ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ އޭނާއަކީ އެހެން މީހުން ސަލާމަތް ކުރެއްވުމަށް ޓަކައި ގުރުބާން ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

ޚާން އަވަހާރަވެފައި މިވަނީ އެބޯލާ ރޯގާ ޖެހިފައި ތިބި މީހުންނަށް ފަރުވާކުރެއްވުމުގައި އިސްކޮށް އުޅުއްވި ލައިބީރިއާގެ ޑޮކްޓަރް ސެމުއަލް ބްރިންސްބާން އެރޯގާގެ ސަބަބުން އަވަހާރަވީތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ސިއެރަލިއޯންގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް މިހާރު އެބޯލާ ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތުމިނިސްޓްރީން ވަނީ ބުނެފައެވެ.

ހަށިގަނޑުގެ ތެތްކަން (ލެޔާއި ކުޅާއި އެފަދަ އެހެން ވެސް ތަކެތީގެ) ޒަރިއްޔާއިން ފެތުރޭ އެބޯލާ ރޯގާ ޖެހިގެން އެފްރިކާގެ ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިއެރަލިއޯން އިން 224 މީހުން ވަނީ މަރުވެފައެވެ. އަދި ގިނީ އިން 319 މީހުންނާއި ލައިބީރިއާއިން 219 މީހުން ވެސް ވަނީ އެބަލީގައި މަރުވެފައެވެ.