މި އަހަރުގެ ދެ ވަނަ ކްއާޓާކަމުގައިވާ އޭޕްރީމް މަހާއި މެއި މަހުގެ އިތުރުން ޖޫން މަހަކީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެ އަށް މުދާ އިމްޕޯޓްކުރި ތިން މަސް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ދެ ވަނަ ކްއާޓަރުގައި ދިވެހި ރާއްޖެ އަށް 7.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. މިއީ މި އަހަރުގެ ފުރިތަމަ ތިން މަސް ދުވަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލާ އަޅާބަލާ އިރު ހަ ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެ ވަނަ ކްއާޓަރުގައި އިމްޕޯޓްކުރި މިންވަރާ އަޅާބަލާ އިރު 17 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި ކަސްޓަމްސްގެ އާމްދަނީގެ ގޮތުގައި 464.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 386.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާ އިރު 20 ޕަސެންޓް އިތުރުވެފަ އެވެ.

ދެވަނަ ކުއާޓާގައި ރާއްޖެ އަށް ކުރެވުނު އިމްޕޯޓްގެ ތެރެއިން އަގުގެގޮތުން އެންމެ ބޮޑު ހޭދައެއް ކުރެވިފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. އެއީ ދެ ބިލިއަން ރުފިޔާ އެވެ. އެއީ ރާއްޖެ އަށް އިމްޕޯޓްކުރި ޖުމްލަ މުދަލުގެ 27 ޕަސެންޓް އެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 1.5 ބިލިއަން ރުފިޔާ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީއާއި އިލްކްޓްރޯނިކްސްގެ ބާވަތްތަކުގެ މުދަލުގެ އަގަށް 1.3 ބިލިއަން ރުފިޔާ އަރަ އެވެ.

މި އަހަރުގެ ދެވަނަ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އަށް އެންމެ ގިނައިން އިމްޕޯޓްކުރެވުނު ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ. ދެވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރެވިފައިވާ ސިންގަޕޫރުން 1.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރެވިފައިވާ އިރު ތިން ވަނަ ގައިވާ އިންޑިޔާ އިން އިމްޕޯޓްކޮށްފައި ވަނީ 659 މިލިއަން ރުފިޔާގެ މުދަލެވެ.

ދެ ވަނަ ކްއާޓަރުގައި ރާއްޖެ އިން އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 11 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 386.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ އިރު، މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރި މިންވަރު ވަނީ 464.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ތިން މަސް ދުވަހެކޭ އެއްގޮތަށް މި އަހަރުގެ ދެވަނަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް ދިވެހި ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ގައުމަކީ ތައިލެންޑެވެ. މި މުއްދަތުގައި އެ ގައުމަށް އެކްސްޕޯޓްކޮށްފައިވާ މުދަލުގެ އަގު 188 މިލިއަން ރުފިޔާ އަށް އަރަ އެވެ. ދެވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާ އިރު ސައުތު ކޮރެއާ އަށް 86 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު ފްރާންސަށް 85 މިލިއަން ރުފިޔާ އެކުސްޕޯޓް ކޮށްފައިވެ އެވެ.