ޕާމް ބީޗް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރާ ދޭތެރޭ ހިތްހަމަ ނުޖެހިގެން އެ ރިސޯޓުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ 50 ވަރަކަށް ދިވެހި މުވައްޒަފުން މަސައްކަތް ހުއްޓާލައިފި އެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ އަހުމަދު އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ ރޭ 10:00 އިން ފެށިގެން އެ ރިސޯޓުގެ ހައުސްކީޕިން އާއި އެފްއެންޑްބީގެ ގާތްގަނޑަކަށް 50 ވަރަކަށް މުވައްޒަފުން މަސައްކަތަށް ނުނިކުންނަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

"ޖެނެރަލް މެނޭޖަރު ވަރަށް ތަފާތުކުރުން ގެންގުޅޭ. ދިވެހި މުއައްޒަފުންނާ މުއާމަލާތްކޮށް އުޅެނީ ވެސް ބައެއް ފަހަރު ވަރަށް ހުތުރުބަހުން. އަޅުގަނޑުމެން ޖީއެމް ފެނިގެން ގޮވާލިޔަސް އަޅާ ވެސް ނުލާނެ، ބަލާވެސް ނުލާ. އެހެންވީމާ އެ ބޭފުޅާ ޖީއެމްގެ މަގާމުގައި ހުރިއްޔާ އަޅުގަނޑުމެން ވަޒީފާ އަށް ނުނިކުންނަން މިތިބީ،" އަބްދުﷲ ވިދާޅުވި އެވެ.

އެ ރިސޯޓުގެ އެޗްއާރުން ސަން އަށް މައުލޫމާތު ހިއްސާކުރި މުއައްޒަފަކު ވިދާޅުވީ، މަސައްކަތް ހުއްޓާލި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިން މުވައްޒަފަކު ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި ހުރިހާ މުވައްޒަފުންނާ ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

އޭގެ އިތުރުން އެ މުވައްޒަފުންނާ ވާހަކަ ދައްކައިގެން މަސައްކަތަށް ނުނިކުމެއްޖެ ނަމަ "ވޯނިން ލެޓާ" ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.