ސައިކަލެއް ވަގަށް ނަގައިގެންދިޔަ މީހަކު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިތުރު ބައެއްތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 8:45 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެ ސައިކަލު ހޯދުމުގެ މަސައްކަތް މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން ކުރަމުންދަނިކޮށް، އޭނާ އެ ސައިކަލުގައި ދުއްވާފައިދަނިކޮށް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ އިތުރު ސާމާނުތަކެއް ފެނިފައި ވާ ކަމަށާއި އޭގެ ތެރޭގައި ދެ ވޮލެޓާއި ޓެބްލެޓަކާއި ހަތަރު ފޯންގެ އިތުރުން، އިތުރު ބައެއްސާމާނު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވަނިކޮށް ހޯދި ސައިކަލު އޭގެ ވެރިމީހާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވައްކަމުގެ މި މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.