30 Jul 2014, 12:34
ޔުކްރޭން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެގައުމުގެ އިދިކޮޅު މީހުންނަށް އެހީތެރިވެދޭތީ އެމެރިއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަނެއްކާ ވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
އެމެރިކާއިން މިފަހަރު އެޅި ދަތިކުރުމުގެ ފިޔަވަޅަކީ ރަޝިޔާގެ ބޮޑެތި ބޭންކްތައް ކަމަށްވާ ދަ ބޭންކް އޮފް މޮސްކޯއާއި އެގްރިކަލްޗަރަލް ބޭންކާއި ވީޓީބީ ބޭންކުން އެމެރިކާގައި އެއްވެސް މުއާމަލާތެއް ކުރުން މަނާ ކުރުމެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ރަޝިޔާގެ ބޮޑެތި ބޭންކްތަކާއި އެހެނިހެން ވިޔަފާރިތަކާ ދެކޮޅަށް އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އެގައުމުގެ އިގުތިސާދު ބަލިކަށިވާނެ ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ.
"... ޔުކްރޭންގައި ރަޝިޔާއިން ހިންގާ އަމަލުތަކާއި އެގައުމާ ދެކޮޅަށް އަހަރެމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ބަލިކަށި އިގުތިސާދު އިތުރަށް ބަލިކަށިވާނެ،" އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ވިދާޅުވި ކަމަށް އޭޕީ ބުންޏެވެ.
އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ވުރެ ގިނަ ފިޔަވަޅުތައް އީޔޫއިން ވަނީ އަޅާފައެވެ.
ރަޝިޔާއާއި އެމެރިކާއާ ދެމެދު މައްސަލަ ހޫނުވީ ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިންނަށް ދީފައިވާ ހަތިޔާރުގެ ބޭނުންކޮށްގެން މެލޭޝިއާގެ މަތިންދާބޯޓެއް ވައްޓާލި ހާދިސާއާ ގުޅިގެންނެވެ.