30 Jul 2014, 11:51
ރާމަﷲ (ޖުލައި 30) : ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާއުދުވާނުގެ ޙަަމަލާތައްހުއްޓުވުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ކުރިން ހުށަހެޅި ހުށަހެޅުމަށް ބަދަލުތައް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި އިސްރާއީލުގެ ވަފްދަކާއި ފަލަސްތީނުގެ ވަފްދެއް މިހަފްތާ ނިމުމުގެ ކުރިން މިސްރުގެ ވެރިރަށް ގާހިރާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބިއްޖެ އެވެ.
މިކަން ނިންމާގައިވަނީ ރާމަﷲގައި ގާއިމްކޮށްފައިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ބެލުމުގެ ދަށުން ރޭ ބޭއްވި ފަލަސްތީނުގެ ލީޑަރޝިޕްގެ ބައްދަލުވުމެއްގައި ކަމަށް އަލްޖަޒީރާބުނެ އެވެ. ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މިސްރު ސަރުކާރުގެ ބެލުމުގެ ދަށުން ބާއްވާ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުގައި ހަމާސްޖަމާއަތާއި އިސްލާމިކް ޖިހާދުޖަމާއަތުގެ މަންދޫބުން ވެސްހިމެނެ އެވެ. ނަމަވެސް މިވަފްދު ނިސްބަތްވެގެން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަ ހުރިހާ ޖަމާއަތްތަކެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަށެވެ.
ފަލަސްތީނުގެ ވަފްދުން މިސްރުގެ ސަރުކާރާ ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ޙަމާސް ޖަމާއަތުން ހުށަހަޅާ ޝަރުތުކަމަށްވާ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމުގެ މައްސަލައާ ބެހޭ ގޮތުން ކަމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިސްރުގެ ހުށަހެޅުމަށް ބަދަލުތައް ގެނައުމާ ބެހޭ ގޮތުން މިސްރު ސަރުކާރުން އަދި ބަޔާނެއް ދީފައެއްނުވެ އެވެ.
ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން މިސްރުން ހުށަހެޅި ހުށަހެޅުމުގައި ޣައްޒާގެ ޙިސާރު ނައްތާލުމުގެ މައްސަލަ ހިމަނާފައި ނުވާތީ ޙަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ އެ ހުށަހެޅުން ގަބޫލުކުރުމަށް ދެކޮޅުހަދާފަ އެވެ. އިސްރާއީލުގެ ނޫސްތަކުން ގެންދަނީ ޙަމާސް އާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައިގާ އަރަބި ބައިވެރިއަކު އިސްރާއީލަށް ލިބިފައިވާ ކަމަށްބުނެ ވާހަކަ ދައްކަމުންނެވެ. ފަލަސްތީނުގެ މިނިވަން ކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ ހަމާސްގެ ދުވަސް ދުއްވާލުމަށް އިސްރާއީލު ފަށާފައިވާ ހަނގުރާމައިގާ އިސްރާއީލަށް ލިބިފައިވާ އަރަބި ބައިވެރިއަކީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ކަމަށް ވެސް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނާއި ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން، ސީސީއަށް ތާއީދުކުރާ މިސްރުގެ ޕްރައިވެޓް ޗެނެލްތަކުން ފަތުރާ ޚަބަރުތައް ހުންނަނީ އިސްރާއީލުގެ މީޑިޔާއިން ފަތުރާ ޚަބަރުތަކާ އެއްގޮތަށެވެ. މިއީ ހުސްނީ މުބާރަކްގެ ދުވަސްވަރުގައި ވެސް އަދި ސާދާތުގެ ދުވަސްވަރުގައި ވެސް މިސްރުގެ މީޑިޔާ އިން ފެނިފައިވާ މަންޒަރުތަކެއްނޫނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އަދި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ އަނިޔާވެރި ހިސާރުގެ ފިޔަަވަޅުތަކާ ދެކޮޅަށް ތެދުވުމުގެ ހައްގު ޙަމާސްއާއި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކަށް ލިބިގެންވާ ކަމުގެ އެއްވެސް ވާހަކައެއް ސީސީ އަށް ތާއީދުކުރާ މިސްރުގެ ޕްރައިވެޓް ޓިވީ ޗެނެލްތަކުން ގެނަސް ނުދޭކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލައި ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާން ހުއްޓާލުމުން ނޫނީ އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ހުއްޓާ ނުލާނެކަމަށް ޙަމާސް އިންބުނާ ބުނުން އެ ޖަމާއަތުން އިއްޔެ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. އިސްރާއީލުން ވަނީ މިސްރުގެ ރައީސް ސީސީގެ ހުށަހެޅުން ނޫނީ ގަބޫލުނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ހަމަލާތައް ހުއްޓާލެވޭނެ އައު ހުށަހެޅުމެއް އެކުލަވާލުުމުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ވަނީ އެމެރިކާގެ އެހިތެރިކަމަށް އެދިފަ އެވެ.
ސީސީގެ ހުށަހެޅުމަށް އިސްރާއީލުން ތާއީދުކުރަނީ ސްޓްރެޓީޖިކް ސަބަބުތަކަކާ ގުޅިގެން ކަމަށާ މީގެއެންމެ މުހިއްމު ސަބަބަކީ ސީސީއަކީ އަރަބިންގެ އިސްލީޑަރެއްގެ ގޮތުގައި މެދުއިރުމަތީގައި އޭނާ ތަޢާރަފް ކޮށް ސިސީއަށް އިސް ދައުރެއް ހޯދައިދިނުން ކަމަށް އިސްރާއީލުގެ ނޫސްތަކުން ބުނެފައިވެ އެވެ. އިސްރާއީލުގެ ގޮނޑިކޮށްކޮއެއް ކަމުގެ ތުހުމަތު ސީސީގެ މައްޗަށް ވަނީ ކުރެވިފައިވާ އިރު ސީސީ ޕްރޮމޯޓްކޮށް އޭނާއަކީ މެދުއިރުމަތީގައި ނުފޫޒު ގަދަ ލީޑަރެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ އަނެއް ދެގައުމަކީ ސައޫދީ އަރަބިޔާއާއި ޔޫއޭއީ އެވެ. (އަލްޖަޒީރާ)