އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލައި ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާން ހުއްޓާލުމުން ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.

ހަމާސްގެ ޢަސްކަރީ ގޮފި ކަމަށް ވާއިއްޒުއްދީން އަލްގައްސާމްގެ ޖެނެރަލް ކޮމާންޑަރު މުހައްމަދު އައްޟައިފު އަބޫޚާލިދު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ޖިހާދުކޮށްގެން ނަސްރުލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ފަލަސްތީނުގެ މުޖާހިދުންނަށް އެބައޮތްކަމުގަ އާއި މުޖާހިދުން ފަށާފައިވާ "އަލްޢަސްފުލްމައްކޫލް"އޮޕަރޭޝަންގައި މުޖާހިދުންތިބީ އަސްކަރީ ގޮތުން ވަރަށް ބާރުގަދަ ހާލަތެއްގައި ކަމަށާ އަދި މަޢްނަވީ ގޮތުން ވަރުގަދަ ހިއްވަރެއްގައި ކަމުގަ އެވެ.

މިހާރު އިސްރާއީލާއެކު ބަދަލުކުރަމުންގެންދާ ހަމަލާތައްހުއް ޓާލާނީ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލައި އިސްރާއީލުގެ އުދުވާން ހުއްޓާލުމުން ކަމަށް ހަމާސްގެ އިތުރުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކަކުން ވެސް އެއްބަސްވާ ކަމަށް ވެސް ހަމާސްގެ ޖެނެރަލް ކޮމާންޑަރު ވިދާޅުވި އެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދުގެ އެންމެ އިސްކޮށް ޙަރަކާތްތެރި ވަނީ ހަމާސް ޖަމާއަތް ކަމަށް ވިޔަސް އެ ޖަމާއަތާ އެކު އިސްލާމިކް ޖިހާދު ޖަމާއަތާއި ފަތްހު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލްއަގްސާ ބްރިގޭޑް މާޓީސް އާއި ޕޮޕިއުލަރ ފްރަންޓް ޖަމާއަތާއި ޑިމޮކްރެޓިކް ފްރަންޓް ޖަމާއަތުގެ މުޖާހިދުން ވެސް ހަރަކާތްތެރިވަމުން ގެންދެ އެވެ. ހަމާސްގެ އަސްކަރީ ގޮފީގެ ޖެނެރަލް ކޮމާންޑަރު މުހައްމަދު އައްޟައިފު މިހެން ވިދާޅުވީ ހަމާސްއިން ރޭ ނެރުނު އޯޑިޔޯ މެސެޖެއްގަ އެވެ.

މިމެސެޖައް ފަހު ހަމާސްއިން ނެރުނު މިވީޑިޔޯ އެއްގައި ވަނީ އެޖަމާއަތުގެ މުޖާހިދުންގެ ހިއްވަރުގަދަ ގްރޫޕެއްއި ސްރާއީލުގެ އެތެރޭގެ ރަށަކަށް ސިއްރިޔާތުގައި ވަދެ ޔަހޫދީ ސިފައިންގެ ބައިގަނަޑަކަށް ކުއްލި ހަމަލާތަކެއްދީ އިސްރާއީލު ސިފައިންގެ 10 މީހުން މަރާލި މަންޒަރުތައް ވެސް ހިމަނާފަ އެވެ.

އައްޟައިފު ވިދާޅުވީ ޣައްޒާގައި ކުރާ އެއްގަމު ހަނގުރާމައިގާ އިސްރާއީލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްލިބި 110 ޔަހޫދީ ސިފައިން މިހާތަނަށް މަރާލާފައިވާނެ ކަމަށާ އިސްރާއީލުގެ މައްޗަށް ނަސްރު ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގަ އެވެ. އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ހަމާސްއިން މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ފާއިތުވި ތިން ހަފްތާގައި ޣައްޒާ އަށް ހަމަލާދީ ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ޢާންމުންނެވެ. މީގެ ތެރޭގައި ވެސް ގިނައީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް ކަމެއް ކުރުމުގައި އިސްރާއީލު ސިފައިންވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. އަދި އިސްރާއީލުގެ މަގްސަދްތައް ހާސިލް ކުރެވެންދެން ހަމަލާތައް ކުރިޔަށްގެންދާނެ ކަމަށް ބުނެ އިސްރާއީލުން ވާހަކަ ދައްކާއިރު އިސްރާއީލުގެ ބޮޑުވަޒީރު ގެންދަވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގައި އެމެރިކާގެ އެހީތެރިކަމަށް އެދިފަ އެވެ.

މުޖާހިދުންގެ ޙަމަލާތަކުގައި އިސްރާއީލުގެ ސިފައިންގެ 110 މީހުން މަރާލާފައިވާނެ ކަމަށް ހަމާސުން ބުނާއިރު އިސްރާއީލުން ވަނީ އެގައުމުގެ ސިފައިންގެ 53 މީހުން މުޖާހިދުންގެ ހަމަލާތަކުގައި މަރުވި ކަމަށް އެއްބަސްވެފަ އެވެ. އިސްރާއީލުން އިއްޔެ ވަނީ ޣައްޒާ އަށް ކަރަންޓްގެ ޚިދްމަތްދޭ ހަމައެކަނި ޕަވަރސްޓޭޝަނަށް ވެސް ހަމަލާދީ އެތަނުގެ ފިއުލްޓޭންކްތައް އެއްކޮށް ގޮއްވާލާފަ އެވެ. މިކަމުގެ ސަބަބުން މުޅި ޣައްޒާއިން ކަރަންޓް ކަނޑައިގެން ދިޔުމުގެ އިތުރުން ޣައްޒާއަށް ވަނީ އަލިފާނުގެ ބިރުވެރި ކާރިސާއަކާ ކުރިމަތިވެފަ އެވެ.

އިސްރާއީލުން ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 140 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އަދި ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނުގައި އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ 1150 އަށް ވުރެ ގިނަމީހުން ޝަހީދުކޮށް 6 ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެ އެވެ. (އަލްޖަޒީރާ)