ސްކޫލްތައް ހުޅުވުނު ފަހުން ހަފްތާއެއް ވެގެންދިޔައިރު ވެސް ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ލިބިފައިނުވާތީ އެކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުން އެބަދެ އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އާއި އަތޮޅުތަކުގެ ތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެއްވެސް ޓެކްސްޓް ފޮތެއް ލިބިފައިނުވާ އިރު އެހެން ސްކޫލްތަކުގައި ބައެއް ފޮތްތައް މަދުވުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
"އަދި އެއްވެސް ފޮތެއް ނުލިބޭ. ސްކޫލަށް ފޮތް ލިސްޓް ވައުޗާ ބަލައި މިފަހަރު ދިޔައިމާ ބުނީ ސްކޫލް ހުޅުވުނީމައޭ ފޮތްތައް ދޫކުރާނީ،" ހިރިޔާ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
އޭނާ ބުނީ ސްކޫލް ފެށިގެން ހަފުތާއެއް ފާއިތުވި އިރު ފޮތްތައް ނުލިބުމުން ދަރިވަރުންގެ ފިލާވަޅުތައް މުތާލިއާ ކުރުވުމަށް ބެލެނިވެރިންނަށް ގޮތްހުސްވެފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަހްމަދު ނަޒީރު އިއްޔެ ވިދާޅުވީ، މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ބައެއް ފޮތްތައް މަދުކަން ފާހަގަވެފައިވާ ކަމަށާއި އިތުރު ފޮތްތައް އެ ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުން ފެއްޓިގެން އަޅުގަނޑުމެން މިދަނީ ސްކޫލްތަކަށް ފޮތްތައް ފޮނުވަމުން. ދެން ފޮތްތައް ފޮނުވަމުން ދަނިކޮށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ބައެއް ފޮތްތައް، ސްކޫލްތަކުން ފޮތްތައް އެކުލަވާލުމަށްޓަކައި ހަމަޖެއްސި ކޮމިޓީތަކުން ބެލި ބެލުމުން އަޅުގަނޑުމެން އުއްމީދުކުރި ވަރަށް ވުރެ ބައެއް ފޮތްތައް މަދުން ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އެހެންނަމަވެސް، މަދުވާ ފޮތްތައް ޕްރިންޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޕްރިންޓް ކުރެވޭ ވަރަކަށް ސްކޫލްތަކަށް ފޮނުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
އަދި ފޮތްތައް ނުލިބުމުގެ ސަބަބުން ކުދިންގެ ފިލާވަޅުތަކަށް ހުރަސް ނޭޅޭނެ ކަމަށާއި މަދުވާ ފޮތްތަކުން ނަގައިދޭ ފިލާވަޅަކާ ގުޅޭ ސަފަހާތަކުގެ ފޮޓޯކޮޕީ ނަގައިގެން ވެސް ދަރިވަރުންނަށް ކިޔަވައިދެމުންދާ ކަމުގައި ޑރ. ނަޒީރު ވިދާޅުވި އެވެ.
ޑރ.ނަޒީރު ވިދާޅުވި ގޮތުގައި، "އަންނަ ހަފްތާގައި ސްކޫލް ފެށޭއިރު ހުރިހާ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ފޮތެއް ހުންނަނީ ހަމަވެފައި" އެވެ.
ސްކޫލްތަކުން ދޫކުރާ ފޮތްތަކުގެ ތެރޭގައި މިދިޔަ އަހަރު ދަރިވަރުން ބޭނުންކުރުމަށް ފަހު ސްކޫލްތަކަށް ރިޓާންކުރި ފޮތްތައް ވެސް ވެސް ހިމެނޭތީ، ބާ ފޮތްތައް ބޭނުންކުރުމަށް ބައެއް ދަރިވަރުން ހިތްހަމަނުޖެހުން ފާޅުކުރާ މައްސަލައިގައި ޑރ. ނަޒީރު ވިދާޅުވީ، ބޭނުންނުކުރެވޭ ފެންވަރަށް ހުރި އެއްވެސް ފޮތެއް ދަރިވަރުންނަށް ދޫކޮށްފައިނުވާނެ ކަމަށް ސްކޫލްތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް، ބައެއް ދަރިވަރުން ބުނަނީ ބާ ފޮތްތަކުގެ ފެންވަރު ވަރަށް ދަތް ކަމަށާއި އާ ފޮތްތައް ގަންނަން ބޭނުންވި ނަމަވެސް، ފޮތް ފިހާރަތަކުން ބޭނުންވާ ޓެކްސް ފޮތްތައް ލިބެން ނުހުންނަ ކަމަށެވެ.