29 Jul 2014, 22:16
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބ. ހިތާދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ހިތާދޫ ކައުންސިލްގެ ރައީސް އަބްދުއްރާޝިދު އަބްދުލް ޣަފޫރު މިރޭ "ސަން"އަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:00 އެހައިކަންހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން މެދު އުމުރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެރަށު ވަލުތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކައުންސިލުން ކަމަށާއި އެރަށުގައި ޕޮލިސްޓޭޝަނެއް ނުހުންނާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިދިނުމަށް މިއަދު އެ ކުއްޖާގެ މަންނަ ކައުންސިލްގައި އެދުނު ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވާ ކަމަށާއި، އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައި ވާ ކަމަށް ވެސް ވިދާޅުވި އެވެ.