29 Jul 2014, 21:12
މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގޮސް އަންހެން ކުއްޖެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ގ. މަސްއޮޑިގެ ކައިރިން މިރޭ 8:00 އެހާކަންހާއިރު ކަމަށާއި، އަންހެން ކުއްޖާއަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ އަންހެން ކުއްޖާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ މިރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްލުމުން އަނިޔާ ލިބުނު އުމުރުން 23 އަހަރުގެ އަންހެންމީހާ އަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ އަންހެންމީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާގެ އިތުރުން، މިރޭ މާލެ އާއި ހުޅުމާލޭގައިވެސް އިތުރު ދެ މާރާމާރީއެއް ވަނީ ހިނގާފައެވެ.
ފުލުހުން ބުނީ، މިރޭ 7:40 އެހައިކަންހާއިރު މާފަންނު ލެމަންގްރާސް ކައިރީގައި ބަޔަކު ދިން ހަމަލާއެއްގައި ފިރިހެނެއްގެ ބޮލުގެ ފުށްކިބަ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އޭނާއަށް ހަމަލާ ދީފައިވަނީ އޭނާގެ އަތުގައި އޮތް ފޯން ދޭންބުނުމުން ނުދީ ދިއުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަށް ވެސް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މިރޭ 7:45 އެހައިކަންހާއިރު ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިނގި މާރާމާރީގައި ދެ ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
އެ މާރާމާރީގައި އެކެއްގެ ބޯފަޅާލާފައިވާއިރު، އަނެއްކަކުގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ދެ މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.