ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިތުމަތްތަކުން މި މަހުން ފެށިގެން ޓީޖީއެސްޓީ ޓެކްސް ނަގަން ފެށުމާ ގުޅިގެން އެކަމާ މެދު ހޭލުންތެރި ކުރުމުގެ ގޮތުން ސިލްސިލާ ޕްރޮގުރާމްތަކެއް ކުރިއަށް ގެންދާކަމަށް މޯލްޑިވިސް އިންލެންޑް ރެވެނިއު އޮތޯރިޓީ [މީރާ] އިން ބުނެފި އެވެ.

މީރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓޫރިސްޓު ހިދުމަތްދޭ ތަންތަނުގެ އޮފީސްތަކާއި ހޮޓާތަކާއި ޓޫރިޒަމާ ގުޅުން ހުރި ސަރުކާރުގެ އޮފީސްތަކަށް އަމާޒު ކޮށްގެން މައުލޫމާތު ދިނުމަށް ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 20 ބައްދަލުވުމެއްގައި 150 އޮފީހެއްގެ 350 އަށް ވުރެ ގިނަ މީހުންނަށް ޓީޖީއެސްޓީ ޓެކްސްއާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވިފައިވާނޭ ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.

އިއްޔެ ވެސް އޭގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.