29 Jul 2014, 15:12
ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އަފްޣާނިސްތާންގެ ރައީސް ހާމިދު ކަރްޒާއީގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ، ހަޝްމަތް ކަރްޒާއީ އަވަހާރަ ކޮށްލައިފި އެވެ.
އަފްޣާނިސްތަންގެ ދެކުނުގައި އޮންނަ ކަންދަހަރު ޕްރޮވިންސްގެ ގަވަނަރުގެ ތަރުޖަމާން ދަވާހާން މިނަޕަލް އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، ކާޒް ޑިސްޓްރިކްޓްގައި އޮތް އީދު ހަރަކާތެއްގައި ހަޝްމަތު ކަރްޒާއީ އަވަހާރަކޮށްލީ، ފަގުނޑިއެއްގެ ތެރޭގައި ބޮންތަކެއް ހަރުކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ކަމަށެވެ.
"ކަރްޒާއީގެ ގެކޮޅަށް ޖާނުން ފިދާވެގެން ހަމަލާދިން މީހާ އައި މެހްމާނަކަށް ވެގެން ހަޝްމަތު އާއި އީދުގެ ތަހުނިޔާ ކިޔަން. ސަލާމްކުރުމަށް ފަހު ހަޝްމަތު ގައިގައި ބައްދާލުމަށް ފަހު ބޮން ގޮއްވާލާ، އޭނާ އަވަހާރަ ކޮށްލި،" ކަންދަހަރު ޕްރޮވިންސްގެ ގަވަނަރުގެ ބުންޏެވެ.
ނަމަވެސް ހަޝްމަތް ކަރްޒާއީ އަވަހާރި ކޮށްލި ކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
ހަޝްމަތް ކަރްޒާއީ އަކީ މި އަހަރު އަފްޣާނިސްތާނުގައި ބާއްވާ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ތެރެއިން، އަޝްރަފް ގާނީގެ ކަންދަހަރުގެ އިލެކްޝަން ކެމްޕެއިން މެނޭޖަރެވެ.
ރައީސް ކަރްޒައީގެ އާއިލާ އަށް މީގެ ކުރިން ވެސް ވަނީ ހަމަލާތަކެއް އަމާޒުވެފަ އެވެ. އެގޮތުން ހާމިދު ކަރްޒާއީގެ ބޭބެ އެއް ކަމަށްވާ އަހުމަދު ވަލި ކަރްޒާއީ ވަނީ ކަންދަހަރުގައި ހުންނަ އޭނާ ގޭގެތެރޭގައި މީގެ ހަތް އަހަރު ކުރިން އަވަހާރަކޮށްލައިފަ އެވެ.