ޓެލްއަވީވް (ޖުލައި 29) : ޣައްޒާގެ އިރުމަތީގައިވާ އިސްރާއީލުގެ އަޝްކޫލް ސަރަހައްދުގައި އެއްވެގެންތިބި އިސްރާއީލު ސިފައިންގެ ބައެއްގެ ތެރެއަށް ފަލަސްތީނުގެ މުޖާހިދުން ބޮޑުބަޑިން ދިން ވަރުގަދަ އަދި ކާމިޔާބު ޙަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ 10 މީހުން މަރުވެއްޖެ އެވެ.

ޙަމާސް ޖަމާއަތުގެ ޢަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޝްކޫލް ސަރަހައްދުގައި އިއްޔެ މަރާލެވުނު އިސްރާއީލު ސިފައިންގެ 10 މީހުންނާ އެކު އިސްރާއީލު ސިފައިންގެ 91 މީހުން ފާއިތުވި 11 ދުވަހުގެ ތެރޭގައި މަރާލާފައިވާނެ ކަމުގަ އެވެ. ޣައްޒާގެ އިރުމަތީގައިވާ އިސްރާއީލުގެ އަޝްކޫލް ސަރަހައްދަށް ފަލަސްތީނުގެ މުޖާހިދުން އިއްޔެ ދިން ދިން ބޮޑުބަޑީގެ ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ 10 މީހުން މަރާލެވުނު ކަމަށް ޙަމާސް އިން ބުނި ނަމަވެސް އިސްރާއީލުގެ ޕަބްލިކް ޓީވީން ފުރަތަމަ ބުނީ އެޙަމަލާތަކުގައި މަރުވެފައި ވަނީ ޔަހޫދީ ސިފައިންގެ އެންމެ ހަ މީހުން ކަމުގަ އެވެ.

އެއަށް ފަހު ޙަމާސްގެ އެހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ނުވަ މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އެހެން ޓީވީ ޗެނަލްއެއް ކަމަށްވާ ޗެނެލް 7 އިން ފަހުން ބުނެފައިވެ އެވެ. އެންމެފަހުން އިސްރާއީލު ސިފައިންގެ ރޭޑިޔޯ އިން މިއަދު ހެނދުނު ފޮނުވި އަސްކަރީ ބަޔާނެއްގައި ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހަމާސްގެ މުޖާހިދުން އިއްޔެދިން ދިން ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ 10 މީހުން އިއްޔެ މަރުވެފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ. އަދި މިހާތަނަށް އިސްރާއީލު ސިފައިންގެ ޖުމްލަ 52 މީހުން މަރުވެ 340 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އިސްރާއީލު ސިފައިންގެ ބަޔާނުގައި އެއްބަސްވެފައިވެ އެވެ.

ކުރިން އިސްރާއީލު ބުނަމުން ގެންދިޔައީ ޣައްޒާގެ ހަނގުރާމައިގާ މަރުވެފައިވަނީ އެގައުމުގެ ސިފައިންގެ 42 މީހުން ކަމުގަ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޙަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވާ މިންވަރާއި މުޖާހިދުންގެ ރޮކެޓް ޙަމަލާތަކުން އިސްރާއީލަށް ލިބޭ ގެއްލުންތައް ސިއްރުކުރާ ކަމުގެ ތުހުތު އިސްރާއީލުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނުގައި ފަލަސްތީނުގެ 1080 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު އިސްރާއީލު ސިފައިންގެ 91 މީހުން މަރާލާފައިވާނެ ކަމަށް ޙަމާސް ޖަމާއަތުން ބުނެ އެވެ.
އިއްޔެ މަރާލި އިސްރާއީލު ސިފައިންގެ 10 މީހުންނާ އެކު އިސްރާއީލުން ވަނީ ފަލަސްތީނު މުޖާހިދުންގެ ޙަމަލާތަކުގައި އެގައުމުގެ 52 ސިފައިން މަރުވި ކަމަށާއި އާންމުންގެ ހަތަރު މީހުން މަރުވި ކަމަށް އެއްބަސްވެފަ އެވެ. އަދި ޒަޚަމްވެފައިވާ އިސްރާއީލު ސިފައިންގެ 340 އަށް ވުރެ ގިނަމީހުން އިސްރާއީލުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ އިރު މީގެ ތެރޭގައި ހާލުބޮޑު އަދި ފުރާނައަށް ނުރައްކާވާހާލަތުގައި އެތައް ބަޔަކު ތިބި ކަމަށް ވެސް އިސްރާއީލުން އެއްބަސްވެފައިވެ އެވެ.

އިސްރާއީލުން އިއްޔެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލަށްވެސް ބޮމުގެ ޙަމަލާތަކެއް ދީފައިވެ އެވެ. އަދި ޣައްޒާގެ އައްޝާތީ ރެފިއުޖީ އަވަށުގައިވާ ކުޑަކުދިންގެ ޕާކަކަށް އިސްރާއީލު ސިފައިން ހަމަލާދީ ގަތްލުއާންމެއް ހިންގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލާފައިވާ އިރު މީގެ ތެރޭގައި އަށް ކުޑަކުދިން ހިމެނެ އެވެ. އިސްރާއީލު ހައްދުފަހަނަޅާފައިވާ ވެރިން ވަނީ ޙަމާސްގެ މުޖާހިދުންގެ ހިއްވަރުގަދަ ކަމާއި އިސްރާއީލުން ލަފާކުރިވަރަށްވުރެ ފަލަސްތީނުގެ މުޖާހިދުން އެތަށްގުނައެއް ވަރުގަދަ ކަމަށް އަމިއްލައަށް އިއްތިރާފްވެފަ އެވެ. (އަލްޖަޒީރާ)