ކިޔާލާއިރު ކުޑަކޮށް މޭ ބޮޑުވާގޮތް ވެދާނެ އެވެ. އެހެންނަމަވެސް ފެނުނު މަންޒަރެއްކަމުން ލިޔެލާނަމެވެ. އެއީ އެދުވަހުގެ މެންދުރެއްހާއިރެވެ. ރައްޓެއްސަކާއެކު ހޮޓަލަކަށް ވަދެ ސައިތައްޓެއް ބޮއިލައިގެން ނިކުމެގެން ހިނގައިގަތީ ސައިކަލާ ދިމާއަށެވެ. އޭރު މަގުގެ އެއްފަރާތެއްގައި މެދުއުމުރުގެ އިސްކޮޅުން ދިގު، ހިމަތޮޅި، ކުލަ އަނދިރި މީހަކު އެއް ކޮލަށް ކޯފުއްޕި ޖެހިފައި ހުރި މީހަކު ފަދައިން ދުފުންގަނޑު ވަރުކުރަން ހުއްޓެވެ. މެދު އިނގިލީގައި ހުނި ބޮޅެއް ޖަހާލައިގެންނެވެ. އެމީހާއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. މަގުގެ އަނެއްފަރާތުގައި ހުރި ސައިކަލަށް އަރައިފީމެވެ.

ޒޯނުން ސައިކަލު ނެރުނުއިރު ދުވާރުމަތިން ހިނގާލާފައި އަންނަ ޔޫރަޕްގެ ދޮން މީހަކު ފެނުނެވެ. ދަށަށްޖަހައި، ބޫޓަށް އަރާފައި ހުރި ޒުވާނެކެވެ. ސައިކަލް އިސްޓާޓުކޮށް ދުއްވާލަން ފަރިކޮށްލިއިރު، ދޮންމީހާ އައިސް އެއްކަލަ "ކޯފުއްޕި" ޖެހިފައިހުރި މީހާއާ އަރާ ހަމަވަނީ އެވެ. ކޮންމެ އަކަސް ކަޅު މީހާއަކަށް ދޮން މީހާއެއް ނުފެނެ އެވެ. އެހެންކަމުން، އަނގައިގެ ތެރެއަށް ގިނަވަމުން ދިޔަ "ރަތް ދިޔަގަނޑު" އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، ފުރަތަމަ ޖެހުނު ދިމާއަށް ބޭރުކޮށްލައިފި އެވެ. އަމާޒުވީ އެއްކަލަ ދޮން މީހާގެ ރީތި ފަޓުލޫނަށެވެ. އެމީހާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފި އެވެ.

އެމަންޒަރު ދެކެން އެތަނުގައި އިންނާކަށް ފަސޭހައެއް ނުވި އެވެ. ސައިކަލު ގިޔަރަށް ލުމަށްފަހު އަވަސް އަވަހަށް ނައްޓާލައިފީމެވެ. އެކަމަކު ކިތަންމެ ބާރަށް ދުއްވާފައި ދިޔަޔަސް ވީކަމެއް ނުވާކަމަކަށް ނުވާނެ އެވެ. ރާއްޖޭގެ ހަމަހިމޭން އަމާން ރީތި ހިތްގައިމު މާހައުލުން ހިތްހަމަޖެހުން ހޯދާލުމަށް ޒިޔާރަތްކޮށްލާ މެހެމާނުންނަށް މިފަދަ ގޮތަކަށް މަރުޙަބާ ކިޔުމުން ދެން އެމީހުން ރާއްޖެއާމެދު ދެކޭނީ ކިހިނެއްބާވައެވެ؟ ކިތައް މީހުންގާތު އެވާހަކަ ދައްކާނެބާވަ އެވެ؟ ދިވެހިންގެ ތަހުޒީބާއި ތަރައްގީއާމެދު އެމީހުން ދެކޭނީ ކޮންގޮތަކަށް ބާވައެވެ؟

އެބައެއްގެ އެއްޗަކަށް ލޯބި ކުރާނީ އެބަޔެކެވެ. ރީތިކޮށް ދަމަހައްޓަން މަސައްކަތް ކުރާނީވެސް އެބަޔެކެވެ. މާލޭގެ މަގުތަކަކީ އަހަރެމެންގެ އަމިއްލަ ތަނެކެވެ. އެ މަގުތައް ރީތިކޮށް ފެންނަން އޮތުމުން އެކަމުގެ ހުރިހާ ރީއްޗަކާއި ޝަރަފެއް އޮތީ ހަމަ އަހަރެމެންނަށެވެ. ހަޑި މުޑުދާރުކޮށް އޮތުމުން އެކަމުގެ މަލާމާތާއި ހުތުރުނަން ވެސް ރައްދުވާނީ ހަމަ އަހަރެމެން ދިވެހިންނަށެވެ. މިކަމާމެދު ވިސްނައިލަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންބާވަ އެވެ؟

މިހާރު މާލެ މިވަނީ ހޮޓާ ހޮޓާލާއި ކެފޭތަކުން ފުރި ބާރުވެފަ އެވެ. ބައެއް މަގުތަކުގައި ތިން ހަތަރު ހޮޓާ ނުވަތަ ކެފޭ އެބަ ހުއްޓެވެ. އެއިން ކޮންމެ ތަނަކުން ވެސް ކެއުމާއި ސައިގެ އިތުރުން ގަދައަށް ދުފުން އޮވެއެވެ. ދިވެހިންނަކީ ދުފުމުގެ މާ ބޮޑު ބަޔެކެވެ. އެއީ މައްސަލައެއްނޫނެވެ. ދުފަންވީ އެވެ. އެމީހަކަށް އެކަމަކުން ހިތްހަމަޖެހުން ލިބޭނަމަ އެވެ. މައްސަލައަކީ އެގޮތަށް ވަރުކޮށްލާ ދުފުންގަނޑުގެ ހުރިހާ "އަނިޔާއެއް" ހިނގާ ބިނގާވެ އުޅެން ހުރި މަގުތަކަށް ކުރާތީ އެވެ. ހައްޕުޑުތަކާއި ރަތް ކުޅުތަކުން މަގުތައް ހަފުސްކުރާތީ އެވެ. ކޮންމެ ހޮޓަލެއް ނުވަތަ ކެފޭއެއްގެ ދޮރުމައްޗަކީ ރަތްކުޅާއި ހައްޕުނޑުގެ ޖަގަހަކަށް ވަމުން އަންނާތީ އެވެ.

މިއީ ތަހުޒީބު ބައެއްގެ ކިބައިން ފެންނާނެ ސިފައެއް ހެއްޔެވެ؟ ތަޢުލީމީ ގޮތުން ފުންނާބު އުސް، ހޭލުންތެރިކަމުގެ ދުނިޔެއަށް ލޯ ހުޅުވިފައި އޮތް މުޖުތަމަޢެއްގައި ކަން ހިނގަން ޖެހޭނެ ގޮތެއް ހެއްޔެވެ؟ މި ސުވާލު ކޮށްފިނަމަ ކޮންމެ މީހަކުވެސް ބުނާނީ ނޫނެކޭކަން ކަށަވަރެވެ. ކަމުދާ ކަމަކަށް ނުވާތީ އެވެ. ނާތަހުޒީބު އަމަލަކަށް ވާތީ އެވެ. އެހެންކަމަށްވާނަމަ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކުރާ ފަރާތްތަކުން މިކަންކަމާމެދު ފުންކޮށް ވިސްނާލަން ވެއްޖެ އެވެ. އެހެންނޫނީ ކުރިމަގުގައި ފެންނާނީ މާލޭގެ މަގުތަކުގެ ދެފަރާތުގައި ހައްޕުނޑުގެ ދޫލައެއް އެޅިފައި އޮއްވާ ކަންނޭނގެ އެވެ. ރާއްޖެއަށް ޒިޔާރަތް ކޮށްލާ އެތައް ދޮން މީހުންނާކާއި ކަޅު މީހުންނަކަށް ރަތް ކުޅުން މަރުޙަބާ ކިޔޭތަނެވެ.