29 Jul 2014, 01:06
ދިރާގު ދިވެހި ލީގުގައި ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާއެކު އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެނބުރި ލީގުގެ އެއްވަނައަށް އަރައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 6-0 ލަނޑުންނެވެ. މެޗުގައި ނިއުގެ ހަ ލަނޑުގެ ތެރެއިން ސެންޓޭގެ ފަރާތުން ހެޓްރިކެއް ފެނިގެންދިޔަ އިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖަމާލް ޑިބީ ދެ ލަނޑު ކާމިޔާބުކުރި އެވެ. އަދި ނިއުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
މެޗުގެ 11 ވަނަ މިނެޓްގައި ނިއުއަށް ލީޑު ހޯދައިދިނީ ޖަމާލް ޑިބީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މުހައްމަދު އުމެއިރު ފޮނުވާލި ހިލޭ ޖެހުމެއް ބީޖީގެ ވޯލްގައި ޖެހި ބްލޮކްވުމުން ލިބުނު ރީބައުންސް ބޯޅައިން ބޮލުން ޖަހައެވެ.
އޭގެ ހަތަރު މިނެޓް ފަހުން ނިއުއަށް ލީޑު ފުޅާކޮށްދިނީ ސެންޓޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ބިދޭސީ ކުޅުންތެރިޔާ އެސްކޮބެޑޯ ކާމޯނާ މެނުއެލް ޑޭވިޑް ފޮނުވާލި ހަމަލާއެއް ބީޖީގެ ގޯލްކީޕަރު ދިފާއު ކުރިތަނާ ލިބުނު ރީބައުންސް ބޯޅައިންނެވެ.
މެޗުގައި ނިއުއިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 67 ވަނަ މިނެޓްގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑޭވިޑް ދިން ރީތި ބޯޅައަކުންނެވެ. މެޗުގެ 78 ވަނަ މިނެޓްގައި ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ބީޖީގެ ގޯލު ހުޅުވައިދިން ޑިބީ އެވެ.
މެޗުގެ 82 ވަނަ މިނެޓްގައި ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސެންޓޭ އެ ލަނޑު ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ އަހްމަދު ވިޝާމް ބޯޅާގައި އަތްލުމުން ނިއުއަށް ލިބުނު ޕެނަލްޓީއަކުންނެވެ. ނިއުގެ ފަހު ލަނޑު ބޮންޑާ ކާމިޔާބުކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ވަނީ ހަ މެޗު ކުޅެފަ އެވެ. ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އާއި ފަސް ވަނައިގައި އޮތް މަހިބަދޫއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ވިކްޓަރީއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ދެން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.