ދުވަސް ފުރައި ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލައި، ފޮއްޓަކަށްލީ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލުމަށްފަހު ފޮށްޓަކަށްލީ ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުގެ އަންހެން މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްދިނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީގައި ހުރި ފޮއްޓެއްގެ ތެރެއިންނެވެ.

އެ އަންހެން ކުއްޖާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިޔަކު ލިބި، ވިހާފައި ވާތީ އެ އަންހެން ކުއްޖާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.