އާއްމު ރައްޔިތުންނަށް އުނދަގޫ ވާގޮތަށް މާލޭގެ މަގުތަކުގައިއާއި ދުވާރު މަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެތި ފުލުހުން ނަގައިފި އެވެ.

ފުލުހުން ބުނީ ރޭ ކުރިއަށް ގެންދިޔަ އެ މަސައްކަތަކީ ދުއްވާ އުޅަނދުތަކަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި އާއި ދުވާރު މަތީގައި ޖޯލިފައްޗާއި، ބެންޗުގެ އިތުރުން ގޮނޑި ފަދަ ތަކެތި ބެހެއްޓުމުގެ ސަބަބުން ތަފާތު އުނދާގޫތަކާ ދިމާވެ އެކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދިއުމާއި ގުޅިގެން ކުރި މަސައްކަތެއް ކަމަށެވެ.

ރޭ ކުރި މަސައްކަތުގައި މާލެ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން މާލޭގެ އެކި ސަރަޙައްދުތަކުގައި ދުުއްވާ ތަކެއްޗަށާއި މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުރި ޖޯލި ފަތިތަކާއި ގޮނޑި އާއި ބެންޗް ފަދަ ތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތްތަނުގައިވެސް މަގުމަތީގައާއި ދުވާރު މަތީގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.