28 Jul 2014, 21:11
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ހިމެނޭ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތައިލެންޑު އަންހެނަކާއި އެފްރިކާ އަންހެނެކެވެ.
ފުލުހުން ބުނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދަން 15 ދުވަހަށް ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހު އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
މިއީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަވަނަ ފަހަރެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން އުޅޭކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާގުޅިގެން މާލެއައިސް އެ ދެ މީހުން ދިރިއުޅުނު ގެސްޓުހައުސް ބަލައި ފާސްކޮށް ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ހޯދާފަ އެވެ.
ފުުލުހުން ބުނީ، އެ އޮޕަރޭޝަން ހިންގުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެހީތެރިކަން ލިބިފައިވާ ކަމަަށާއި މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.