28 Jul 2014, 14:01
ޣައްޒާ (ޖުލައި 28) : ބަރަކާތްތެރި ފިތްރު އީދާ ގުޅިގެން 24 ގަޑީއިރަށް ޙަމަލާތައް މެދުކަނޑާލުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އިސްރާއީލު ސަރުކާރުން ދެކޮޅު ހެދުމަށް ފަހު އިސްރާއީލު ސިފައިން ޣައްޒާގެ އެކިކަންކޮޅު ތަކަށް މިއަދު ވެސް ވަރުގަދައަށް ޙަމަލާތައްދީ އާންމުން ޝަހީދުކުރަމުން އެބަގެންދެ އެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާ އިން ބުނީ ޣައްޒާގެ ދެކުނަށާއި އުތުރަށް އިސްރާއީލުގެ ވައިގެ ސިފައިން ރޭ ދަންވަރު ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލާފައިވާ ކަމުގަ އެވެ. ބަރަކާތްތެރި ފިތްރު އީދާ ގުޅިގެންނާ އަދި އިންސާނީ ސަބަބުތަކަށް ޓަކައި 24 ގަޑީއިރަށް ޙަމަލާތައް މެދުކަނޑާލުމަށް އިސްރާއީލަށާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާއަތްތަކަށް ހުށަހަޅާފައި ވަނީ އދ. ންނެވެ.
މިހުށަހެޅުން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ގަބޫލުކޮށްފައިވާ އިރު އިސްރާއީލު ސަރުކާރުން ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ. މިއާ އެކު އިސްރާއީލު ސިފައިން ޣައްޒާގެ އެކިކަންކޮޅުތަކަށް ރޭގެ އިރާކޮޅާއި ދަންވަރުގައި ވެސް ވަރުގަދައަށް ޙަމަލާތައްދީ ފަލަސްތީނުގެ އާންމުންގެ 15 މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި މިއަދު އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުން ބަރަކާތްތެރި ފިތްރު އީދު ފާހަގަކުރަމުން ގެންދާއިރު ވެސް އިސްރާއީލުން ގެންދަނީ ޣައްޒާގެ އާންމުންގެ ގެދޮރަށާއި އާންމު ތަންތަނަށް ބޮންއަޅައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާ އަދި ރައްޔިތުން ޑަޒަން ޑަޒަނަށް ޝަހީދުކޮށް އެތަށް ސަތޭކަ ބަޔަކު ޒަޚަމްކުރަމުންނެވެ.
ރޭ އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ 15 މީހުންނާ އެކު ފާއިތުވި 20 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 1063 އަށް އަރާފަ އެވެ. އިސްރާއީލުން ޝަހީދުކޮށްލި މި 1063 މީހުންގެ ތެރޭގައި 300 އަށް ވުރެ ގިނަ ކުޑަކުދިންނާއި 150 އަންހެނުންނާއި 100 އަށްވުރެ ގިނަ މުސްކުޅިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެ އެވެ. ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލައިގެން އިސްރާއީލަށް އެއްވެސް މިންވަރެއްގެ ކާމިޔާބެއް ނުލިބޭތީ އިސްރާއީލުގެ އަމާޒަކަށް ވެފައި ވަނީ ފަލަސްތީނުގެ ހަތިޔާރެއްނެތް އާންމުންނެވެ. އަދި ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނާ މުސްކުޅިންނެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ އަނިޔާވެރި ހަނގުރާމައިގާ ބޮން އަޅައިގެން ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ކިތަންމެ ވަރަކަށް ޝަހީދު ކުރަމުން ގެންދިޔަ ނަމަވެސް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކާއި އެޖަމާއަތްތަކުގެ ހަތިޔާރު ގުދަންތަކާއި ބަންކަރުތަކާއި ޢަސްކަރީ އިންފްރާސްޓަރަކްޗަރު ހަލާކުކޮށްލުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން ޣައްޒާގެ ހަނގުރާމައަކީ އިސްރާއީލަށް ލިބިފައިވާ ޓެކްނޮލޮޖީގެ މޮޅު އަދި ޒަމާނީ ވަސީލަތްތަކާއެކު ވެސް ޖާސޫސީ ގޮތުން އިސްރާއީލުގެ ބަލިކަށިކަމާއި އިސްރާއީލުގެ ނުކުޅެދުންތެރިކަން ވަރަށް ބޮޑަށް ހާމަވެގެންގޮސްފައިވާ ހަނގުރާމައެއް ކަމަށް މުހައްލިލުން ސިފަކުރެ އެވެ.
އަނެއްކޮޅުން އިސްރާއީލު ސިފައިންޣައްޒާއަށް އެއްގަމު މަގުން އަރައިގަތްތާ ވެސް 11 ދުވަސްވެފައިވާ އިރު ފަލަސްތީނުގެ މުޖާހިދުން ހުއްޓުވުމުގައާއި ޣައްޒާގެ އެތެރެއަށް ވަދެގަތުމުގައި އިސްރާއީލުގެ ލަޝްކަރުތަކަށް އަދިވެސްވަނީ ނާކާމިޔާބުވެފަ އެވެ. މިގޮތުން 11 ދުވަހުގެ އެއްގަމު ހަނގުރާމައަށް ފަހު ވެސް އިސްރާއީލު ސިފައިން އަދިވެސްތިބީ ތިބިތަނުގައި ކަމަށް ވެ އެވެ. ޣައްޒާގެ އެތެރެއަށް ވަދެގަތުމުގައި ވެސް އަދި ފަލަސްތީނު މުޖާހިދުން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތައް ހުއްޓުވުމުގައި ވެސް އިސްރާއީލުގެ ލަޝްކަރުތަކަށް މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.(އަލްޖަޒީރާ)