ޣައްޒާ (ޖުލައި 28) : ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރާ މުޖާހިދުންގެ ޖާމާއަތްތަކަށް ޖާސޫސުކުރުމަށް އިސްރާއީލުން ފޮނުވި ޕައިލެޓަކާނުލައި ދަތުރުކުރާ މަތިންދާބޯޓެއް ޙަމާސް ޖަމާއަތުން ވައްޓާލައިފި އެވެ.

ޙަމާސްގެ ޢަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ މަތިން އުދުހުނު އިސްރާއީލުގެ ޑްރޯން މަތިން ދާބޯޓެއް ރޭގައި ވައްޓާލާފައިވާ ކަމުގަ އެވެ. ޙަމާސްގެ ޓީވީ ސްޓޭޝަން ކަމަށްވާ އަލްއަގްސާ ނެޓްވާކުން ވަނީ ވައްޓާލާފައިވާ އިސްރާއީލުގެ ޑްރޯން މަތިންދާބޯޓު ގެ ފޮޓޯއާއި ވީޑިޔޯ ދައްކާލާފަ އެވެ. ޙަމާސް އިން ވައްޓާލި އިސްރާއީލުގެ ޑްރޯން މަތިންދާ ބޯޓާ ބެހޭ ގޮތުން އިސްރާއީލުން އެއްވެސް ބަޔާނެއް ދީފައެއްނުވެ އެވެ.

ޙަމާސުން ވެސް ވަނީ އިސްރާއީލަށް ޖާސޫސު ކުރުމަށް ޑްރޯން މަތިންދާބޯޓުތަކެއް މިމަހުގެ ކުރީކޮޅު ފޮނުވާލާފަ އެވެ. މީގެތެރެ އިން ބޯޓެއް ވައްޓާލި ކަމަށް އިސްރާއީލުން ބުނެފައިވީ ނަމަވެސް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ މަތިން އުދުހުމަށް ފަހު އޭގެ ތެރެއިން ބޯޓެއް ސަލާމަތްތެރިކަމާ އެކު ޣައްޒާ އަށް އެބުރި އައި ކަމަށް ޙަމާސުން ކުރިން ބުނެފައިވެ އެވެ.

އަނެއްކޮޅުން ޙަމާސުން ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށް އަމާޒުކޮށް ރޭގައި ވެސް ހަތްރޮކެޓް ފޮނުވާލާފަ އެވެ. ހަމާސުން ބުނީ މިރޮކެޓްތައް އިސްރާއީލުގެ އެންމެ ބޮޑު އެއަރޕޯޓް ކަމަށްވާ ޑޭވިޑް ބެންގޯރިޔަން އެއަރޕޯޓާ ކައިރި ހިސާބުތަކަށް ފޯރާނެ ކަމަށާ މިރޮކެޓްތަކުގައި 80 ކިލޯ މީޓަރުގެ ރާސްތާ ހުންނާނެ ކަމުގަ އެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ޙަަމަލާދީގެން ރޭގައި ވެސް ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާ އިން ހާމަކޮށްފައިވެ އެވެ. (އަލްޖަޒީރާ)