ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

މަޖިލީހުގެ ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މަޖިލީހުގެ މެމްބަރުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވާކަމުގައި ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ އުފާވެރި ފިތުރު އީދު އިސްލާމީ އުންމަތާ ބައްދަލުކުރާއިރު، ފަލަސްތީނުގެ ރައްޔިތުން ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކާ އަނިޔާތަކުގެ ޝިކާރައަކަށްވަމުން އަންނަ ކަމަށާއި އިސްރާއީލުގެ އެ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތާއި މިނިވަންކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކޮށް އެ މަސައްލަތް ހަލުވި ކުރުމަށް މަސީހު ގޮވާލެއްވި އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި މުސްލިމުންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި ގޮންޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ވެސް އެމަނިކުފާނު ވަނީ ގޮވައިލައްވާފަ އެވެ.

"އަޅުގަނޑުގެ ދުއާ އަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަޅުވެތިކަމާއި ލާއިންސާނީ އަމަލުތަކުން މިންޖުވުމުގެ ހެޔޮނަސީބު މާތްﷲ އެމީހުންނަށް ދެއްވުމެވެ. އަދި މުޖުތަމައުއަށާއި މުޅި އިސްލާމީ އުންމަތަށް އުފާފާގަތިކަމާއި، އެއްބައެއް ވަންތަކަމާއި ސުލްހަމަސަލަސްކަން ތަނަވަސްކޮށްދެއްވުމެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި އަޅުގަނޑުމެން ހިފި ރޯދަ އާއި ކުޅަ އަޅުކަމުގެ ހެޔޮ ޖަޒާ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. އާމީން،" މަޖިލީހުގެ ރައީސްގެ މެސެޖުގައި ވެއެވެ.