28 Jul 2014, 10:31
އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި އެތައް ބަޔަކު މަރަމުން ދާތީ، ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ހިތްވަރުގަދަ ނިންމެވުންތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހެޔޮ ޖަޒާ ދެއްވުމަށް މިއަދުގެ އީދު ހުތުބާގައި ދުއާކޮށްފި އެވެ.
~
އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ، އެކަމަށް އިޝާރާތްކޮށް މިއަދުގެ އީދު ހުތުބާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި ގެންގުޅުއްވާ ސިޔާސަތުތަކަށްޓަކައި ދިވެހި ދައުލަތުގެ ވަލިއްޔުލް އަމްރަށް ހެޔޮ ޖަޒާ ދެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އީދު ނަމާދަށްފަހު ޚުތުބާ ވިދާޅުވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދިވެހި ދައުލަތުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކާއި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ހިތްވަރުގަދަ ނިންމެވުންތަކާމެދު އުފާކޮށް ދިވެހި ދައުލަތުގެ ވަލިއްޔުލްއަމްރަށް ހެޔޮ ޖަދާ ދެއްވުމަށް އެދި މާތް ﷲ ގެ ހަޟުރަތުގައި ދުއާ ދަންނަވަން،" އީދު ހުތުބާ ވިދާޅުވަމުން ޑރ. ޝަހީމް ވިދާޅުވި އެވެ.
އީދު ހުތުބާގައި ޝަހީމް ވަނީ "އަޅަމެންގެ ވެރިންނަށް" ކާމިޔާބާއި ނަސްރު ދެއްވުމަށް އެދި ދުޣާ ވެސް ކުރައްވާފަ އެވެ.

މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް ގިނަ ބަޔަކު ގޮސްފައިވޭ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ﷲ ލޯބި ވެވޮޑިގެންވަނީ ހެޔޮ ބަސްބުނުމާއި މައިންބަފައިންނަށް ކަމޭހިތުމާއި ވެރިންނަށް ކިޔަމަންގަތުމާއި އަމާނާތްތެރިވުމާއި ވައުދަށް ވަފާތެރިވުމުގެ އިތުރުން ތިމާގެ އަހާ ފަޟީހަތް ނުކޮށް ނަސޭހަތްރިވާ މީހުން ދެކެ ކަމަށް އީދު ހުތުބާގައި ޝަހީމް ވިދާޅުވި އެވެ.
އީދު ދުވަސް މުސްލިމުން ފާހަގަ ކުރަމުންދާއިރު، ހާލުގައި ޖެހިފައިވާ މުސްލިމުން އުޅޭނެ ހާލު ހިތްތަކަށް ގެނެސް އެ ލޮބޮވެތި "އަހުންނާ އުހުތުންނަށް" ހެޔޮ ދުއާ ކުރުމަށް ޝަހީމް ގޮވާލެއްވި އެވެ. މުސްލިމުން އުންމަތުގެ އަދުންވުންގެ މައްޗަށް އެ މީހުންނަށް ނަސްރު ދެއްވުމަށް ގިނަގިނައިން ދުއާ ކުރުމުގައި ދެމިތިބުމަށް ވެސް ޝަހީމް ގޮވާލެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އީދު ނަމާދުގައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"ތިޔަބައިމީހުންގެ ފުދުންތެރިކަން ހުރި ވަރަކުން ނިކަމެތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ. ހާއްސަކޮށް ޣައްޒާގެ ރައްޔިތުން ވަނީ ވަރަށް ނިކަމެތި ހާލެއްގައި ޖެހިފައި. ކާބޯތަކެއްޗާއި ފެނާއި ބޭސް ވަނީ ހުސްވެފައި. ޣައްޒާ ވަނީ އިންސާނީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރެއަށް ވެެއްޓިފައި. އެހެންވީމަ ވީ ވަރަކުން ތިޔަބައި މީހުން އެއުރެންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ،" ހުތުބާގައި ޝަހީމް ވިދާޅުވި އެވެ.

މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް ގިނަ ބަޔަކު ގޮސްފައިވޭ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން