އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާގެ ހާލަތު ގޯސްވަމުންދާތީ އެމެރިކާއިން އެކަމާ ކަންބޮޑުވާ ކަމުގައި އެގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްއިން ބުނީ، އާދީއްތަ ދުވަހު އޮބާމާ އާއި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާ އެ މައްސަލަ އާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ޣައްޒާގެ ހާލަތު ގޯސްވާތީ ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ހަމާސްއިން އިސްރާއިލަށް ދެމުންދާ ރޮކެޓް ހަމަލާތަކުން ދިފާއުވުމުގެ ފުރިހަމަ އިހްތިޔާރު އޮންނަން ޖެހޭ ކަމަށް އޮބާމާ ވިދާޅުވި ކަމަށް ވައިޓް ހައުސްއިން މައުލޫމާތު ދެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލައި ފަލަސްތީނުން ކުރިން އުޅުނު ސުލްވެރި ދިރިއުޅުމަށް ރުޖޫއަވުމަށް އިސްރާއީލާއި ފަލަސްތީނުން މަޝްވަރާކުރެއްވުމަށް ވެސް އޮބާމާ ވަނީ ގޮވާލައްވައިފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް 20 ދުވަސްވެފައިވާ އިރު، މިހާތަނަށް އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 1047 އަށްވުރެ ގިނަކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް އަރަ އެވެ.