13 Jan 2011, 11:02
"ވެށިފަހި މާލެ" ޕްރޮގުރާމު ފެށިތާ ތިން ދުވަސްތެރޭ 14087 ފޯމު ނަގާފައިވާ ކަމަށް މޭލާ މުނިސިޕަލްޓީން ބުނެފި އެވެ.
މާލޭ މުނިސިޕަލްޓީގެ ނައިބު ރައީސް މުހައްމަދު އާރިފް މިއަދު ވިދާޅުވީ ފޯމު ދޫކުރުމުގައި ދަތިކަމެއް ނެތް ކަމަށާއި މީހުން ފޯމު ހޯދުމަށް އަންނަ މިންވަރަކުން ފޯމު ދޫކުރަމުން ގެންދާނޭ ކަމަށެވެ. އަދި މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގަރާމްގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ ތިން ގިންތިއެއްގެ ރަށްވެހިންނަށެވެ. އެއީ މާލޭގައި ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން މީހުންނާއި ދަފުތަރުގައި މިދިޔަ އަހަރުގެ ޖޫން 30ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
ފުރަތަމަ ފިޔަވަހީގައި ބަލާފައި ވަނީ މާލޭގައި 300 އަކަފޫޓަށް ވުރެ ކުދި ބިންތައް ހުރި ފަރާތްތަކަށް ސަމާލުކަން ދިނުމަށް ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ 1800 އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމަށް މާލެ މުނިސިޕަލްޓީން ބުނެ އެވެ.
މާލެ އާއި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓްތަކުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަން ރާވާފައި ވަނީ 1750 ޔުނިޓެވެ. އެއީ މާލޭން 500 ހައުސިން ޔުނިޓާއި ހުޅުމާލޭން 250 ޔުނިޓާއި ހުޅުމާލޭން 1200 އަކަފޫޓުގެ 250 ގޯއްޗެވެ. މާލޭގެ ރަށްވެހިންގެ ތެރެއިން އަމިއްލަ ތަނެއް ނެތް މީހުންނަށް 450 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި 150 ޔުނިޓް މާލެއިން ދޫކުރާއިރު 300 ޔުނިޓް ދޫކުރާނީ ހުޅުމާލޭން ކަމަށް މުނިސިޕަލްޓީން ބުނެ އެވެ.
ފޯމްތައް އަވަށު އޮފީސްތަކާއި މުނިސިޕަލްޓީއަށް އަނބުރާ ރައްދުކުރަންޖެހެނީ މި މަހު 28ގެ ކުރިންނެވެ.
ކުލީ ގޮތުގައި މަހަކު 7000 ރ. އާއި 12000ރު. ދެމެދުގެ ފައިސާގެ އަދަދު ކަނޑައަޅާފައިވާ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގައި ގޯއްޗާއި ފްލެޓް ދޫކުރާއިރު ސަބްސިޑީ ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.