28 Jul 2014, 09:22
ޕިލިޕްސް ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގައި އެސްޓީއޯ އަތުން މޮޅުވެ ސޮނީ ހާޑްވެއާ ޓީމުން ޗެމްޕިއަންކަން ހޯދައިފި އެވެ.
ކްރިކެޓް ދަނޑުގައި އިއްޔެ ހަވީރު އެސްޓީއޯއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗުން ސޮނީ ހާޑްވެއާ މޮޅުވީ 27 ލަނޑުންނެވެ.
ޓޮސް ދިމާވުމުން ސޮނީ ހާރޑްވެއާ ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 133 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑުހެދި އިޝާން އާއި، 31 ލަނޑު ހެދި ސުރާންގައެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރާާ 8 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 104 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑު ހެދި ރުބޭލް އެވެ.
ފައިނަލު މެޗަށް ފަހު، މުބާރާތަކުގެ ވަނަވަނައަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި މެޑެލް ހަވާލުކޮށްފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް އެސްޓީއޯގެ ސްޓޮކް ޗެއާމަން އިބްރާހިމް ޒިޔާދު އިނާމު ހަވާލުކޮށްދެއްވި އިރު، ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް އަދި އެސްޓީއޯގެ ގިފްޓް ޕެކް ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އައްސަދު އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ސޮނީ ހާޑްވެއާއަށް ލިބުނު އިރު، ރަނަރަޕް މަގާމު ލިބުނީ އެސްޓީއޯއަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 149 ލަނޑު ހެދި ސޮނީ ހާޑްވެއާގެ އިޝާން ޖަޔަކޮޑީ އެވެ. އެންމެ މޮޅު އުކުންތެރިއަކަށް 9 ވިކެޓް ނެގި ސޮނީ ހާޑްވެއާގެ ކެޕްޓަން މުހަންމަދު ޝިޔާމް ހޮވުނު އިރު، މުބާރާތުގެ އެންމެ ގިނަ ބައުންޑަރީ ސްކޯ ކޮށްފައިވަނީ ވެސް ސޮނީ ހާޑްވެއާގެ އިޝާން ޖަޔަކޮޑީ އެވެ.