28 Jul 2014, 09:11
ފުލުހުންނަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުކޮށް ވަގަށް ނަގާފައި ހުންނަ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޚާއްސަ މަސައްކަތްތަކެއް މާލެ ސިޓީ ޕޮލިހުގެ ފަރާތުން ފަށައިފިއެވެ.
ވައްކަންތައް މިހާރަށްވުރެ މަދުކޮށް ވަގަށް ނަގާފައިވާ ތަކެކި ހޯދައި އޭގެ ހައްގުވެރިންނާ ހަވާލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އެފަދަ މައުލޫމާތުތައް ލިޔެފައިވާ ޕޯސްޓަރާއި ސްޓިކާ ފަދަތަކެތި މާލޭގަ މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައާއި ފެރީޓާމިނަލް ތަކުގެ އިތުރުން ބާޒާރުމަތީގެ ފިހާރަ ތަކުގައާއި އޮޑި ދޯނި ފަހަރުގައި، މާލެ ސިޓީގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ހަރުކުރަމުންނެވެ.
ޚާއްސަކޮށް އެކިއެކި ބަނދަރުތަކުން ފުރާ އުޅަނދުތަކަށް އަރުވާ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތް ޔަގީންކޮށް ކަށަވަރު ކުރުމަށްފަހު އަރުވާ ތަކެތީގެ ގޮތުގައި ހެދުމަށް ހުރިހާ އޮޑިވެރިންނާއި ކައްޕިތާނުންނާއި ފަޅުވެރިންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އޮޑި ދޯނި ފަހަރަށް އަރުވަން ގެންނަ އެއްވެސް މުދަލަކާމެދު ޝައްކު އުފެދޭނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރުމަށްވެސް ވެސް ވަނީ އިލްތިމާސް ކުރަމެވެ.
ވަގަށް ނަގާފައިވާ އެއްވެސް އެއްޗެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބި ވަޑައިގެންފައިވާނަމަ ލަސްނުކުރަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަންބަރު 119 ނުވަތަ 3322111 އަށް ގުޅުވާ އެ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދިނުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.