ހުޅުމާލެއާ މާލެއާ ދެމެދު ދުއްވާ އެމްޓީސީސީގެ ފެރީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 9:00 އެހައިކަންހާއިރު ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ބަނދަރުން ނުކުންނަން ދިޔަ ލޯންޗަކާއި ވަންނަން އައި ފެރީއެއް ހުޅުމާލެ ބަންދަރުގެ ނެރުމަތިން ޖެހިގެން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފެރީގައިހުރި ސައިކަލުތަކަށްވެސް ގެއްލުން ވެފައިވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓްގެ މައްސަލަ މެރިން ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.