އަންކަރާ: ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސްޖަމާޢަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރާ ފަރާތްތަކަކީ ޑިމޮކްރަސީއާއި މިނިވަންކަމުގެ ދުޝްމަނުން ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ސިފަކުރައްވައިފިއެވެ. އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ޙަމާސްއަކީ ޑިމޮކްރެޓިކް އުސޫލުން ފަލަސްތީނުގައި އެންމެފަހުން ބޭއްވި މިނިވަންއިންތިޚާބު ކާމިޔާބުކޮށް ފަލަސްތީނުގެ ވެރިކަމަށް އައި ޖަމާޢަތެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން، ޙަމާސަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ސިފަކޮށް، ޙަމާސްގެ ސަރުކާރު ޤަބޫލުނުކޮށް އެސަރުކާރު ވައްޓާލަންކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، މިއީ ޑިމޮކްރަސީ މުގުރާލުމުގެ ޢަމަލެއް ކަމަށް އުރުދުޣާން ސިފަކުރެއްވިއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ އިސްރާއީލަކީ އިސްތިޢްމާރީ ޤައުމެއް ކަމަށާއި އިސްރާއީލުުގެ މިހާރުގެ ސަރުކާރަކީ އިސްރާއީލުގެ ތާރީޚުގައިވެސް ދުށް އެންމެ ހަރުކަށި ސަރުކާރު ކަމުގައެވެ. ޙަމާސްއާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ޙައްޤުތައް ހޯދުމަށް ވަރުގަދަ ޤައުމީ ޖިހާދެއް ކުރަމުން ގެންދާ ޖަމާޢަތްތަކެއް ކަމަށާ މިނިވަންކަމަށް މަަސައްކަތްކުރާ މިފަދަ ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށް އިސްތިޢްމާރީ ބާރުތަކުން ވަރަށް ކުރީއްސުރެވެސް ސިފަކުރަމުން ގެންދާކަން އުރުދުޣާން ފާހަގަކުރެއްވިއެވެ. ދިމުޤްރާތީ ގޮތުން ފަލަސްތީނުގެ ވެރިކަމަށްއައި ޙަމާސް ޖަމާއަތުގެ ސަރުކާރުވައްޓާލަން އިސްރާއީލާގުޅިގެން އެމެރިކާއާއި ޔޫރަޕް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސްވަނީ ޙަމާސްގެ ސަރުކާރު އުވާލައި ޑިމޮކްރެޓިކް ނޫން ސަރުކާރެއް ފަލަސްތީނުގައި ޤާއިމް ކުރައްވާފައެވެ. އެމެރިކާއާއި ޔޫރަޕުން ބަލައިގެންފައިވަނީ ޑިމޮކްރެޓިކް ނޫންގޮތަށް ޢައްބާސް އުފައްދަވާފައިވާ ސަރުކާރެވެ. އަދި ޢައްބާހަކީވެސް އޭނާގެ ރިޔާސީ ދައުރު ހަމަވިތާ ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާ ބޭފުޅެކެވެ. އުރުދުޣާން ވިދާޅުވީ މެދުިއރުމަތީގައި ސުލްޙަ ޤާއިިމްކުރަން ބޭނުންނަމަ އެމެރިކާއާއި ޔޫރަޕަށް ޖެހޭނީ ޙަމާސްޖަމާޢަތަށް އިޢްތިރާފްވާން ކަމަށާއި ޙަމާސްއާނުލާ މެދުއިރުމަތީގައި ސުލްޙަ ޤާއިމް ނުކުރެވޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.