27 Jul 2014, 21:52
ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ދެވަނަ ބުރަށް ކޮލިފައިއެއް ނުވި އެވެ.
ސާއިދު މިއަދު ވާދަކުރި 100މ ދުވުމުގެ 8 ވަނަ ހީޓްގައި 8 އެތުލީޓުންނާއެ އެކު ވާދަކޮށް ސާޢިދު އަށް ރޭސް ނިންމުނީ ފަސްވަނައަށެވެ. އޭނާއަށް ރޭސް ނިންމުނީ 10.79ސިކުންތުންނެވެ. އެއީ ގައުމީ ރިކޯޑަށް ވުރެ 0.19ސިކުންތު ލަސް ވަގުތެކެވެ.
މިހީޓްގެ ވާދަކުރި ހުރިހާ އެތުލީޓޫންގެ ޓައިމިން ވެސް އެވްރެޖް ކޮށްވަނީ ދަށްކަން ފާހަގަކޮށްލެވޭ އިރު، މި ހީޓުން ދެވަނަ ބުރަށް ކޮލިފައި ވީ ސައުތު އެފްރިކާގެ އަކާނީ ސިމްބިން އާއި ނައިޖީރިއާގެ އޮގޯ އޮގެނޭ އެގްވެރޯ އެވެ. އެއްވަނައިގައި ނިންމާލި ސިމްބިން 10.32 ސިކުންތުން ރޭސް ނިންމާލި އިރު، ދެވަނައިގައި ނިންމި އެގްވެރޯއަށް ރޭސް ނިންމުނީ 10.38 ސިކުންތުންނެވެ.
100 މީޓަރު ރޭހުގެ 9 ހީޓްގެ އޯވަރޯލް ރޭންކިންއަށް ބަލާއިރު ރޭސްނިންމި 72 ބައިވެރިންގެ ތެރެއިން ސާއިދު ހިމެނިފައިވަނީ 42ވަނަ އަށެވެ.
ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް އިވެންޓްގައި ރާއްޖެއިން ދެން ވާދަކުރާނީ 400 މީޓަރު ދުވުމުގެ ފުރަތަމަ ހީޓްގައި ހުސައިން އިނާޝް އެވެ. އޭނާ އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި 400 މީޓަރުގެ ދުވުމުގައި ވާދަކޮށްފައިވަނީ 2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައެވެ. އެ ފަހަރު 400 މީޓަރު ރޭސް އިނާޝް ނިންމާފައިވަނީ 49.64 ސިކުންތުންނެވެ.
މާދަމާގެ 400 މީޓަރު ދުވުމުގެ ހީޓްތައް ޓެން ސްޕޯޓްސްއިން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.