27 Jul 2014, 17:22
ބަރަކާތްތެރި ފިތުރު އީދު ދުވަހާ ދިމާކޮށް، 24 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެއްބަސްވެއްޖެ އެވެ.
ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރީ މިއަދު ނެރުނު ބަޔާނަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ، ހަމަލާތައް 24 ގަޑިއިރަށް ހުއްޓާލަން ނިންމީ، ހަމަލާތައް ހުއްޓާލަން އދ. އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލައި، މާދަމައަކީ ޣައްޒާގެ ރައްޔިތުންނަށް އީދުދުވަސް ކަމަށް ބެލެވޭތީ ކަމަށެވެ.
ހަމަލާތައް 24 ގަޑިއިރަށް ހުއްޓާލުމަށް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުން އެއްބަސްވެފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:00 އިން ފެށިގެންނެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސް އިން އެއްބަސްވި ނަމަވެސް، އިސްރާއީލުން އަދި ހަމާސްގެ އެއްބަސްވުމަކަށް ރައްދުފީފައެއް ނުވެއެވެ.
ހަމާސްގެ އިން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި މިވަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް އިތުރު 24 ގަޑިއިރަށް ހުއްޓާލުމަށް އދ. އިން ހުށަހެޅި ހުށަހެޅުން އިސްރާއީލުން ގަބޫލުކުރި ނަމަވެސް ހަމާސް އިން އެ ހުށަހަޅެން ގަބޫލުނުކުރުމުން، އިސްރާއީލުން އަލުން ހަމަލާތައް ފަށާފައިވަނިކޮށެވެ.
އެގޮތުން، އިސްރާއީލުން މިއަދު ޣައްޒާގެ ދެ ތަނެއްގައި ހިންގި ގަތުލްއާންމުގައި މިހާތަނަށް ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް މިއަދަށް 20 ދުވަސްވެފައިވާ އިރު، މިހާތަނަށް އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 1047އަށްވުރެ ގިނަކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 6000 އަށްވުރެ މައްޗަށް އަރަ އެވެ.
އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 42 މީހުން މިހާތަނަށް މަރާލާފައިވެ އެވެ.