ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ލިބުނު ފައިސާގެ ތެރެއިން 100،000 ރުފިޔާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ކ. ގުރައިދޫ މަރުކަޒަށް 140،000 ރުފިޔާ އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
~
މައިންބަފައިންގެ ބަލަދުވެރި ކަމެއް ނެތް ކުޑަކުދިން ބަލަހައްޓާ "ކުޑަކުދިންގެ ހިޔާ" އަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފައިސާ ހަދިޔާ ކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "ސަން"އަށް ވިދާޅުވީ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ތުއްތު ކުދިންނަށާއި ހާއްސަ އެހީއަށް ބޭންވެފައި ތިބި މީހުންނަށް ފައިސާގެ އެހީ ފޯރުކޮށްދީގެން ފިތުރު އީދު އުފާ ލިބިގަތުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިން އެ ދެ މަރުކަޒަށް ކުރިން ވެސް އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދެ މަރުކަޒަށް ވެސް އެހީވެދެއްވާނެ ކަމަށެވެ.

"މިކަން އަޅުގަނޑުމެން ތަކުރާރު ކުރަމުން ގެންދާނަން. ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން މި މަރުކަޒުތަކަށް އަޅުގަނޑުމެން އެހީވުމުގައި ދެމި ތިބޭނަން،" އިސްލާމިން މިނިސްޓަރު ވިދާޅުވި އެވެ.