27 Jul 2014, 16:31
ގުރުއާން ބަލައިގެން ކިޔުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދައިގެން ހއ. ދިއްދޫ ގުރުއާން މުބާރާތުން 100،000 ރުފިޔާ ދެ ދަރިވަރަކު ހޯދައިފި އެވެ.
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ދިއްދޫ ކައުންސިލުން އިސްނަގައިގެން ބާއްވަމުން އަންނަ އެ މުބާރާތުގެ އެއް ވަނަ އަށް ހޮވިފައި ވަނީ، 11 އަހަރުން ދަށުގެ އުމުރުފުރަ އިން އެއް ވަނަ އަށް ހޮވުނު ދިއްދޫ، ސަންހިޔާ، މައިޝާ ރަޝީދާއި 16 އަހަރުން ދަށުގެ އުމުރުފުރާ އިން އެއް ވަނަ އަށް ހޮވުނު ބީޗްފުލާވާ، ފާރިހާ އަހްމަދު އެވެ.
ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް ފައިސާގެ އިނާމު ހަވާލުކޮށް ދެއްވީ މުބާރާތައް 100،000 ރުފިޔާ ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އޭނާއާއެކު އެ ދެ ދަރިވަރުންނަށް ފައިސާގެ އިނާމް ހަވާލުކޮށްދިނުމުގައި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.
ނުވަ އުމުރު ފުރާއަކުން 297 ފަރާތަކުން ބައިވެރިވި އެ މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ އަށް ހޮވިފައިވަނީ ޖައުދާ ޒަކީ އެވެ. އަދި މުބާރާތުގެ ނުވަ އަހަރުން ދަށުގެ އުމުރުފުރާ އިން އެއްވަނަ އަށް ހޮވިފައި ވަނީ ފާތުމަތު ރުހާ އާމިރެވެ.
މުބާރާތުގައި ޕްރީ ސްކޫލް ބައިންނާއި ޔޫކޭޖީ ބައިން އެއްވަނަ ހޯދީ މުހައްމަދު ޝަޔާން ޝަފީގެވެ. އެލްކޭޖީ ބައިން އެއްވަނަ އަށް ހޮވިފައި ވަނީ މުހައްމަދު އަޒީން އާދިލް އެވެ. އަދި ނާސަރީ ބައިން އެއް ވަނަ އަށް ހޮވިފައި ވަނީ އައްބާދު ބިން އަލީ ރަޝީދެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ވިދާޅުވީ، މުބާރާތުގެ އެއް ވަނަ އަށްް ދެ ކުއްޖަކު ހޮވުމުން، އެއް ވަނަ އަށް ހުށަހަޅާފައިވާ ފައިސާ ދެ ކުދިންނަށް ބަހައި، ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ފައިސާ ދީފައިވާ ކަމަށެވެ.
މީގެ އިތުރުން މުބާރާތުގެ އެކި ވަނަތަކަށް އައި ދަރިވަރުންނަށް ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، އަންނަ އަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމަށް 100،000 ރުފިޔާ އަދި ނުބަލައި ކިޔެވުމަށް ވެސް 100،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިއްދޫ ގުރުއާން މުބާރާތަކީ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އެރަށު ކައުންސިލުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރާއި ސަން ފައުންޑޭޝަން ގުޅިގެންގެންނެވެ.