ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާ ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމާއަތަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތް އީދު ދުވަހު ފަށާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފި އެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ފުއާދު "ސަން" އަށް ވިދާޅުވީ، ފަލަސްތީނުގެ ރެޑްކްރެސެންޓު ޖަމާއަތަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތް، އީދު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އީދު ނަމާދަށްފަހު ހދ، ތ، ޅ، އަދި ޏ. ފުވައްމުލަކުގައި ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައިވާއިރު، މާލޭގައި ބައިބަލާ ކުޅޭ ސަރަހައްދުގަ އާއި ފެރީ ޓާމިނަލުގެ އިތުރުން އެއާޕޯޓުގައި ވެސް ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ހދ. އަތޮޅުގައި ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައިވަނީ ކުޅުދުއްފުށި އަދި ހަނިމާދޫގައި. ތ. އަތޮޅުގައި ފަންޑު ފޮށިތައް ބަހައްޓާނީ ވޭމަންޑޫ އަދި ބުރުނީގަ. ޅ. އަތޮޅުގައި ފަންޑު ފޮށި ބަހައްޓާނީ ހިންނަވަރުގަ. އަދި ފެލިވަރު މަސް ފެކްޓަރީގައިވެސް ފަންޑު ފޮއްޓެއް ބަހައްޓާނެ. މީގެ އިތުރުން، ޏ. ފުވައްމުލަކުގެ ހުރިހާ އަވަށެއްގައި ފަންޑު ފޮށި ބަހައްޓާނެ،" ދިވެހި ރެޑް ކްރެސެންޓުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، މާލެ އާއި އަތޮޅުތެރޭގައި ދޮރުން ދޮރަށް ގޮސް އެހީ ހޯދުމުގެ މަސައްކަތް އީދު ބަންދަށްފަހު އޮގަސްޓް ހަތަރެއްގައި ފަށާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެސްއެމްއެސް އަކުން ފައިސާ ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމާއަތަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރެޑް ކްރެސެންޓުގެ މައި އޮފީހާއި އެ ޖަމްއިއްޔާގެ ގޮފިތައް ހުރި ރަށްރަށުގައި ޗެކް އަދި ފައިސާ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވަލާފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓު ޖަމާއަތަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް 14.5 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް ހާމަކޮށްފަައިވުމުން، އެ ޖަމާއަތަށް އެހީވުމަށް ދިވެހި ރެޑް ކްރެސުންޓުން ކުރަމުން އަންނަ މަސައްކަތް ނިންމާލަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.