27 Jul 2014, 15:16
ރައްޔިތުން މަޖިލިސް މެމްބަރުނަށް ލިބޭ މުސާރައިން ބައެއް އުނިކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ދީދީ "ސަން"އަށް މިއަދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ މުސާރަ އުނިކުރެއްވި ފަދައިން މަޖިލިސް މެމްބަރުންގެ މުސާރަ ވެސް އުނިކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ނިހާން ހުސެއިން މަނިކު ވެސް ބޭނުންވެވަޑައިގަންނަވާކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.
"ޕީޕީއެމް ހުރިހާ މެމްބަރުން ވެސް އެއްބަސްވޭ މުސާރައިން ބައެއް އުނިކުރަން ޖެހޭ ކަމަށް. އެއީ ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ އެމަނިކުފާނުގެ މުސާރައިން ބައެއް އުނިކުރައްވާފައި. ނަމަވެސް މެމްބަރުންގެ މެދުގައި މުސާރަ އުނިކުރަން ޖެހޭ ކަމަށް އެއްބަސްވެވުން ނަމަވެސް މުސާރަ އުނިކުރުމާއި މެދު ގޮތެއް ނިންމާ،"
އިބްރާހިމް ދީދީ ވިދާޅުވީ މުސާރައިން 10 ޕަސެންޓް އުނިކުރުމާއިމެދު ބައެއް މެމްބަރުންގެ މެދުގައި އެއްބަސްވެފައިވީ ނަމަވެސް މުސާއިން ބައެއް އުނިކުރުމަށް ނިންމާފައިނުވާ ކަމަށެވެ. އަދި އެކަމާމެދު ގޮތެއް ނިންމާނީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ބާއްވާ ބައްދަލުވުމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 82،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. މަޖިލިސް މެމްބަރުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ކޮމެޓީ އެލަވަންސްގެ ގޮތުގައި ވެސް 20،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
މަޖިލިސް މެމްބަރުންގެ އަސާސީ މުސާރަ އާއި ލިވިންސް އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 62،500 ރުފިޔާގެ 10 ޕަސެންޓަކީ 6،250 ރުފިޔާ އެވެ. މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ 43 މެމްބަރުންގެ އަސާސީ މުސާރަ އާއި ލިވިންއެލަވަންސް އިން 10 ޕަސެންޓް ކަނޑައިފިނަމަ މަހެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 268،750 ރުފިޔާ ސަލާމަތްވާނެ އެވެ. އަދި އަހަރެއްގެ މައްޗަށް 3.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްވާނެ އެވެ.