ބައިރޫތު : ލުބްނާނުގެ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ 11 ވަޒީރަކު މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ލުބްނާނުގެ ބޮޑުވަޒީރު ސަޢްދުލްޙަރީރީގެ ސަރުކާރު ވެއްޓިއްޖެވެ. އިސްއުފާދެއްވި 11 ވަޒީރުންނަކީ ހިޒްބުﷲ ޖަމާޢަތާއި އެޖަމާއަތުގެ ބައިވެރިން ކަމުގައިވާ ކުރީގެ ރައީސް މިޝައިލް ޢަވްނާއި ދުރުޒީ ލީޑަރު ވަލީދު ޖުންބުލާތުގެ ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ. ޙަރީރީގެ ސަރުކާރު މީގެކުރިން ދެމިއޮތީ މިޕާޓީތަކުގެ ތާއީދާއެކުގައެވެ. އިދިކޮޅު ފަރާތްތަކުގެ ތާއީދާނުލައ ސަރުކާރެއް ހިންގޭވަރުގެ އަޣްލަބިއްޔަތެއް ޙަރީރީއާއި އޭނާގެ ޕާޓީގެ ބައިވެރިންނަަށް ލިބިފައެއް ނުވެއެވެ.

ޙަރީރީގެ ސަރުކާރުން އިސްތިއުފާދެއްވި ވަޒީރުންގެ ތެރޭގައި ރައީސް ޖެނެރަލް މިޝައިލް ސުލައިމާނަށް ނިސްބަތްވާ ވަޒީރަކުވެސް ހިމެނެއެވެ. އެހެންކަމުން ލުބްނާނުގެ ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ އިދިކޮޅު ފަރާތްތަކުގެ ސަފުގައި ކަމަށް ވަނީ ބެލެވިފައެވެ. ހިޒްބުﷲ އާއި އެޕާޓީއަށް ތާއީދުކުރާ ލުބްނާނުގެ އިދިކޮޅު ފަރާތްތައް ޙަރީރީގެ ސަރުކާރުން އިސްތިއުފާދިނީ ލުބްނާނުގައި ޚިޔާލުތަފާތުވެފައިވާ ރަފީޤުލްޙަރީރީގެ މަރުގެ މައްސަލަބެލުމުގެ ނަމުގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޯޓުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމެރިކާއާގުޅިގެން މަސައްކަތްކުރުމަށް ބޮޑުވަޒީރު ސަޢްދުލްޙަރީރީ ނިންމެވުމުންނެވެ. މިނިންމުން އަލުން މުރާޖަޢާކުރުމަށްޓަކައި ސަރުކާރުގެ ކެބިނެޓް ޖަލްސާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލުމުން ހަރީރީ އެކަމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ. ކުރީގެ ބޮޑުވަޒީރު ރަފީޤުލްޙަރީރީގެ މަރުގެ މައްސަލަބެލުމުގެ ނަމުގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޯޓަކީ އެމެރިކާގެ ނުފޫޒުގައި އިސްރާއީލު ފަހަތުގައި އޮވެގެން ހިޒްބުﷲ އާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އުފައްދާފައިވާ ކޯޓެއްކަމަށް ހިޒްބުﷲ އާއި އެޕާޓީއަށް ނިސްބަތްވާ ލުބްނާނުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް މިތުހުމަތުތަކަށް އދ. ދެކޮޅުހަދައެވެ.