ލުއިސް ވެން ހާލްގެ ކޯޗުކަމުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޯމާއާ ދެކޮޅަށް ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ލަނޑުންނެވެ. ވެލް ހާލްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެމެރިކާގެ ލޮސް އެންޖެލެސް ގެލެކްސީ އަތުން މޮޅުވީ 7-0 ލަނޑުންނެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް ކަޕުގެ މެޗަށް ނުކުތް އިރު ޔުނައިޓެޑް އަދި ރޯމާގެ ފުރަތަމަ 11 އިން ވެސް އާ ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ޔުނައިޓެޑަށް އެންޑާ ހެރޭރާ ކުޅުނު އިރު، އޭސީ މިލާނުން ރޯމާއަށް ބަދަލުވި ނެދަލެންޑްސް މިޑްފީލްޑަރު އާބީ އެމަނުއެލްސަލް ވެސް ކުޅެފައިވެ އެވެ.

އެމެރިކާގެ ސްޕޯޓްސް އޮތޯރިޓީ ފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ ދެ ލަނޑު ކާމިޔާބުކުރި އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެވެ.

ރޯމާގެ ދެ ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ބޮޑު ބަދަލުތަކަކާ އެކު ދެވަނަ ހާފަށް ނުކުތް ރޯމާގެ ފުރަތަމަ ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިރަލެމް ޔަނިކެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މިޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ފްރެންޗެސްކޯ ޓޮޓީ އެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ޖުމްލަ އަށް ޓީމެވެ. އެ އަށް ޓީމުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ތިން ޓީމަކާއި، އިޓަލީގެ ތިން ޓީމަކާއި، ގްރީސްގެ ޓީމަކާއި ސްޕެއިންގެ ޓީމެކެވެ.

މި މުބާރާތުގައި ވާދަކުރާ އިނގިރާސި ޓީމުތަކަކީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި، ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑެވެ. އިޓަލީ އިން އޭސީ މިލާނާއި އިންޓަ މިލާން އަދި ރޯމާ ވާދަކުރާ އިރު، ގްރީސް އިން ވާދަކުރަނީ ޗެމްޕިއަން އޮލިމްޕިއާކޮސް އެވެ. ސްޕެއިން އިން ވާދަކުރާ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑެވެ.