27 Jul 2014, 13:23
ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި އަރަހުށި މާތްﷲ އެންމެހައި އިންސާނުން އުފެއްދެވީ އެންމެ ދެމަފިރިކަނބަލެއްގެ ޒަރީޢާއިންނެވެ. ބައިބޯވެ ދުނިޔޭގެ ކަންކޮޅު ތަކަށް ފެތުރިގެން ގޮސްފައިމިވަނީ ހައްތާވެސް އެދެމަފިރިކަނބަލުންގެ ދަރިފަސްކޮޅެވެ. އެދެމަފިރިކަނބަލުންގެ ދަރިގެދަރި މިނިމިނީންނެވެ. (އައްނިސާއު: 1) އިންސާނުންގެ މެދުގައި ހުރި ކުލައިގެ ތަފާތުކަމާއި، ލޮލުގެ ކުޑަބޮޑުމިނުގެ ރީތި ހުތުރުކަމާއި އިސްކޮޅާއި ރޫފައިގެ ފަރަޤާއި މޮށެއުޅޭ ބަހުގެ ދުރުގާތްކަމާއި ޚިޔާލުގެ އެއްގޮތް ނޫންކަމާއެކުވެސް އެންމެހައި އިންސާނުންނަކީ މާބަނޑުންފިރުކިގެން އައުމުގައި އެއްބައެކެވެ. ލޭގެ އަޚުންނާއި އުޚުތުންނެވެ. އިންސާނުންގެ މިއެއްބަނޑު އެއްބަފާ ކަމަކީ ބައިނަލްްއަޤުވާމީ އުޚުއްވަތްތެރިކަމެކެވެ. އެންމެހައި މުސްލިމުންނަކީ ދީނީ ގޮތުން އަޚުން އުޚުތުން ކަމުގައިވާ ފަދައިން މުސްލިމުންނާއި ޣައިރު މުސްލިމުންނަކީވެސް ޙަޔާތިއްޔާތުގެ ގޮތުން އަޚުން އުޚުތުންނެވެ.
އެހެންކަމުން ކީރިތި ޤުރުއާނުގައި ނަންފުޅު ގެންނަވައިފައިވާ ވަރަށް ގިނަ ނަބީބޭކަލުންނާއި އެބޭކަލުންގެ މަގުފުރެދިފައިވާ ޤައުމުތަކުގެ ވާހަކަ ބަޔާންކުރައްވަނީ އަޚުންކަމުގައެވެ. "ޘަމޫދުބާގައިގެ މީހުންގެ ގާތަށް އެއުރެންގެ އަޚު ޞާލިޙުގެ ފާނު" (އަލްއަޢުރާފު: 73) "މަދްޔަނުގެ މީހުންގެ ގާތަށް އެއުރެންގެ އަޚު ޝުޢައިބުގެފާނު" (އަލްއަޢުރާފު: 85) "އެއުރެންނަށް އެއުރެންގެ އަޚު ނޫޙުގެ ފާނު ވިދާޅުވި ހިނދުގައެވެ." (އައްޝުޢަރާއު: 106) "އެއުރެންގެ އަޚު ހޫދުގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ." (އައްޝުޢަރާއު: 124) "އެއުރެންގެ އަޚު ލޫޠުގެ ފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ." (އައްޝުޢަރާއު: 161) މިފަދަ ގޮތްގޮތަށެވެ. މިނޫންވެސް މިފަދަ އެތައް އާޔަތްތަކެއްގައި ނަބީބޭކަލުންނާއި އެބޭކަލުން ފޮނުއްވި ޤައުމުތަކުގެ ވާހަކަ ބަޔާންކުރައްވަނީ އަޚުންކަމުގައެވެ.
ހަމައެފަދައިން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އެތައް ޙަދީޡްފުޅުތަކެއްގައި ވަނީ އަޚުން އުޚުތުން ފަދައިން އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތް ކުރުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައެވެ. އެކަލޭގެފާނުގެ މުޚާޠަބުކުރެއްވުމުގައި ބައެއްފަހަރު އީމާންކަމުގެ އަހުލުވެރީންގެ ނަމުން، އަނެއްބައިފަހަރު މުސްލިމުންގެ ނަމުން މުޚާޠަބުކުރައްވައިފައި ވިޔަސް އެހުރިހާ ފަހަރަކުވެސް އެއިރުޝާދުތައް އައިސްފައިވަނީ ބަހަވީ ގޮތުން އާއްމު މުޚާޠަބު ކުރެއްވުމެއްގެ ގޮތުގައެވެ. ހަމައެކަނި ތަފާތަކީ އާއްމު އިންސާނުންގެ ޙައިޡިއްޔަތުން އެބަސްފުޅުތަކާމެދު ނަސޭހަތްޕުޅުތަކެއް ކަމުގައި ބެލުމުގެ ޖާގައޮތުމާއި، އީމާންކަމުގެ އަހުލުވެރިންގެ ނަޒަރުން ބަލާއިރު އެބަސްފުޅުތަކުގެ ޙައިޡިއްޔަތަކީ އަމުރުކުރެއްވުމެއް ނުވަތަ ލާޒިމުކުރެއްވުމެއް ކަމުގައި ބަލަންޖެހުމެވެ.
އިސްލާމްދީނުގައި ވާގޮތުން މާތްﷲ ގެ އެންމެހައި އަޅުތަކުންނީ އެކަކު އަނެކެއްގެ އަޚުން އުޚުތުންނެވެ. މުޅި އިންސާނިއްޔަތަކީ މާސިންގާ އެއް ޢާއިލާއެކެވެ. އިންސާނުންގެ ކިބައިން އެދެވިގެންވަނީ އެއްފުރާޅެއްގެ ދަށުގައި އެކުލުންތެރިކަމުގައި ދިރިއުޅޭ ދެބެޔަކު އެކަކު އަނެއްކަކާމެދު މުޢާމަލާތްކުރާގޮތަށް ފުޅާދާއިރާއެއްގައި މުޅި އިންސާނިއްޔަތާމެދު ޢަމަލުކުރުމެވެ.
އިސްލާމްދީނުގެ ނަބިއްޔާގެ ޙަދީޡްފުޅުތަކުގައި އެއްމުސްލިމަކީ އަނެއްމުސްލިމެއްގެ އަޚެކޭ ވިދާޅުވެފައިވަނީވެސް ބައިބެއްސެވުމުގެ މާނައަކު ނޫނެވެ. އަދިކީއްތޯއެވެ؟ އުސޫލީ މާނައެއްގައެވެ. އެބަސްފުޅުގެ މަޠުލަބަކީ ހެޔޮލަފާ އިންސާނުންނަކީ އަބަދުވެސް އަޚުންތަކެއްގެ ގޮތުގައި އެކަކު އަނެއްކަކާ މުޢާމަލާކުރާ މީހުންކަން ބަޔާންކޮށް ދެއްވުމެވެ.