27 Jul 2014, 13:16
ޔޫކްރެއިންގެ ބާޣީން ދިރިއުޅެމުން އަންނަ ލުހާންސްކް ސިޓީއަށް އެގައުމުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި އެ ސިޓީގެ އާންމު ރައްޔިތުންގެ ތެރެއިން 24 މީހަކު މަރުވެ، 85 މީހުން ޒަޚަމްވެއްޖެ އެވެ.
ރަޝިޔާ ޓުޑޭ އިން ބުނި ގޮތުގައި ޔޫކްރެއިންގެ ވެރި ރަށް ކިއެވްއިން އެގައުމުގެ ސިފައިން މިދިޔަ ހުކުރު ދުވަހު އިރު އޮއްސި 6:00ގައި ފެށި ބަޑީގެ ހަމަލާތައް ހުއްޓާލާފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.
ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ލުހާންސްކް ސިޓީއަށް ސިފައިން ދިން ހަމަލާގައި މުޅިއެކު 22 އިމާރާތް ސުންނާފަތިކޮށްލާފައިވާ ކަމަށާއި ހަލާކުވި އިމާރާތްތަކުގެ ތެރޭގައި ސްކޫލްތައް ވެސް ހިމެނޭ ކަމަށް ރަޝިޔާ ޓުޑޭއިން ބުންޏެވެ.
ސިފައިން ހަމަލާދެމުން ދިޔަ ވަގުތު ލުހާންސްކް ސިޓީގައި ހުރި މީހަކު ބުނީ ބަސް ސްޓޮޕެއްގައި މަޑުކޮށްލައިގެން ތިބި 10 މީހުން މަރާލި މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.
"ބަސް ސްޓޮޕުގައި ތިބީ ސުލްހަވެރި ރައްޔިތުން. ހަމަލާ ނިމުނު އިރު އެމީހުންގެ ހަށިގަނޑު އޮތީ ކުދިކުދި ވެފައި. ހަމަލާތައް އަމާޒުކޮށްފައި ހުރީ ވެސް ހަމަ އާންމު ރައްޔިތުންނާއި ދިމާލަށް،" ސިފައިންގެ ހަމަލާތައް ހަމަލޮލުން ފެނުނު މީހަކު ކިޔައިދިނެވެ.
މިމަހުގެ 10 ވަނަ ދުވަހު ޔޫކްރެއިންގެ ޑެޕިއުޓީ ހެލްތް މިނިސްޓަރު ނެރުނު ބަޔާނެއްގައި ވަނީ ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެދުވަހާ ހަމައަށް 478 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 1400 ވަރަށް މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.